ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން މިހާރު ބޭނުންކުރާ ލޯގޯ ބަދަލުކޮށް، އާ ލޯގޯއެއް ޑިޒައިންކޮށްދޭ ބަޔަކަށް 25،000 ރުފިޔާ ދޭން ނިންމައިފި އެވެ.

ސަރަހައްދީ ބައެއް އެއާޕޯޓުތައް ބަލަހައްޓާ ސަރުކާރުގެ ކުންފުނި، އާރްއޭސީއެލްއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ލޯގޯ ފަރުމާކޮށް ދޭން ޝައުގުވެރިވާ ފަރާތްރަކަށް ލޯގޯ ހުށަހެޅުމުގެ ފުރުސަތު މި ޖުލައި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައިވާ ކަމަށެވެ. އަދި އެންމެ ރަނގަޅު ލޯގޯއަކަށް 25،000 ރުފިޔާގެ އިނާމެއް ދޭ ގޮތަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

އާރްއޭސީއެލުން ވަނީ ލޯގޯ ފަރުމާކުރާ އިރު، ގަދަ ޓާކޮއިޒް ކުލަ ބޭނުން ކުރުމަށާއި ދެވަނަ ކުލައެއްގެ ގޮތުން އެ ކުލައިގެ މަޑު ކުލައެއް ނުވަތަ ޝޭޑެއް ބޭނުން ކުރެވިދާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ލޯގޯ އިން އެއާލައިނެއް ރަމްޒުކޮށްދީގެން ނުވާނެ ކަމަށާއި ލޯގޯ އިން ރަމްޒުކޮށް ދޭން ޖެހޭނީ އެއާޕޯޓެއް ކަމަށް ބުންޏެވެ.

ލޯގޯގެ ވެކްޓާ ފައިލް ހުށަހަޅަން ޖެހެނީ މި މެއިލް [email protected] މެދުވެރިކޮށް ކަމަށްވެސް އާރްއޭސީއެލްއިން ބުނެ އެވެ.