ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް މިއަދު ދަތުރުކުރަން އޮތް މޯލްޑިވިއަންގެ އެއާބަސް އޭ320 ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ދަތުރު ކެންސަލްކޮށްފި އެވެ.

މޯލްޑިވިއަންއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލެއިން ޑާކާއަށް ދިއުމަށް މިއަދު ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ ފްލައިޓް Q2-502 ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކެންސަލް ކޮށްފައިވާ ކަމަށެވެ. އެއީ މާލެއިން ޑާކާއަށް ދިއުމަށް މިއަދު ހެނދުނު 9:25ގައި ޝެޑިއުލް ކޮށްފައި އޮތް ދަތުރާއި މާލެއިން ޑާކާއަށް ދިއުމަށް މިރޭ 7:35 އަށް ޝެޑިއުލް ކޮށްފައި އޮތް ދަތުރެވެ.

މި ދަތުރުތައް ކެންސަލް ވުމުގެ ސަބަބުން ކަސްޓަމަރުންގެ ކިބައިން މާފަށް އެދޭ ކަމަށާއި، ކަސްޓަމަރުން އެހީތެރިކަން ބޭނުންވާނަމަ 1671 އަށް ފޯން ކުރުމަށް ނުވަތަ އީމެއިލް ކުރުމަށް މޯލްޑިވިއަންއިން ވަނީ އެދިފަ އެވެ.

އެނގިފައިވާ ގޮތުގައި މި ބޯޓަކީ މިދިޔަ ޖޫން މަހުގެ ތެރޭގައި ޓްރިވެންޑްރަމަށް ދަތުރުކުރަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ސާވިސް ކުރި ބޯޓެވެ. އަދި މި ދަތުރު ކެންސަލް ކޮށްފައި ވަނީ، ސާވިސްއަށް ފަހު ޓެސްޓުކުރިއިރު، އިތުރު ޓެކްނިކަލް މައްސަލައެއް އުޅޭކަން ފާހަގަކުރެވިގެން ކަމަށް ވެސް އެނގިފައިވެ އެވެ