އިންޑިއާގެ ބެންގަލޫރުން މާލެއަށް ދަތުރުކުރި ފަސިންޖަރުންގެ އަދަދު 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.

އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) ގެ ސިޓީ ވައިސް ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް އިންޑިއާގެ ސަރަހައްދަށް ބައިނަލްއަގުވާމީ ފަސިންޖަރުން ދަތުރުކުރި އަދަދަށް ބަލާއިރު، 41،294 ފަސިންޖަރުން ވަނީ އެ ދެ ސިޓީއާ ދެމެދު ދަތުރުކޮށްފަ އެވެ. 2023 ވަނަ އަހަރުގެ މި މުއްދަތުގައި 57،502 މީހުން ދަތުރުކޮށްފައިވެ އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހުގައި ރިޕޯޓް ކޮށްފައި ވާގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބަށް ކުރެއްވި ދަތުރުފުޅަށް ރާއްޖޭގެ ސަރުކާރުގެ ބައެއް އިސް އޮފިޝަލުން އިހާނެތި ކޮށް ވާހަކަ ދެއްކެވުމުން، އިންޑިއާ އާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ހަމަނުޖެހުންތަކެއް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އުފެދުނު ކަމަށެވެ. އަދި އިންޑިއާ ޓޫރިސްޓުން ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލައި މީސްމީޑިއާގައި އިންޑިއާ މީހުން ހިތްހަމަނުޖެހުން ފާޅުކޮށްފައި ވެއެވެ.

ފާއިތުވި އަހަރުތަކުގައި މާލެ އަކީ ބެންގަލޫރުން އެންމެ ބިޒީ އެއް ޓޫރިސްޓު މަންޒިލް ކަމަށާއި ހާއްސަކޮށް ކޮވިޑްގެ ބަލިމަޑުކަމަށްފަހު އެންމެ ބިޒީ އެއް މަންޒިލް ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

އެގޮތުން 2019 ވަނަ އަހަރު 99،184 ފަސިންޖަރުން އެ ދެ ސިޓީއާ ދެމެދު ދަތުރުކޮށްފައިވާއިރު، 2020 ވަނަ އަހަރު އެ އަދަދު 32،343 އަށް ދަށްވެ، 2022 ވަނަ އަހަރު އެ އަދަދު ވަނީ 151،987 އަށް އަރައިފައިވެ އެވެ.

2022 ވަނަ އަހަރު އިންޑިއާ އިން އެންމެ ގިނަ ފަސިންޖަރުން (197،058) ދަތުރުކޮށްފައިވަނީ ބެންގަލޫރާއި މާލެ އާ ދެމެދުގަ އެވެ. އެ އަހަރުގެ ތެރޭގައި މާލެ ހިމެނިފައިވަނީ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓް (ކޭއައިއޭ) ގެ އެންމެ މަތީ ތިން ބައިނަލްއަގުވާމީ ރޫޓުގެ ތެރޭގަ އެވެ. 2023 ވަނަ އަހަރު މި ރޫޓުން 177،991 ފަސިންޖަރުން ދަތުރުކުރި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މި އަދަދުތަކާ އެކު ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މާލެއިން ބެންގަލޫރަށް ދަތުރުތައް ފަށައިފަ އެވެ. އަދި މި މާޗް މަހުން ފެށިގެން މަންޓާ އެއާއިން ވަނީ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓް (ކޭއައިއޭ) އިން ރާއްޖޭގެ ދާލު އެއާޕޯޓަށް ސީދާ ކޮމާޝަލް ދަތުރުތައް ފަށާފަ އެވެ.