ލިއޯ ޓްރޭޑިން އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމާއި ހާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ރާވައި ހިންގަން ނިންމައިފި އެވެ.

ލިއޯ އިން ބުނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އަދި މޯލްޑިވްސް ޕޮލިޓެކްނިކާ ގުޅިގެން ނޭޝަނަލް ލެވެލްއެއްގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ހިންގުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ލިއޯގެ ކުރިޔަށް ރޭވިފައިވާ ސީއެސްއާރު ޕްރޮގްރާމްގެ ބައެއްގެ ގޮތުން އިއްޔެ ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް އަދި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމަންޓް އޮތޯރިޓީގެ މަސައްކަތްތަކުގައި ލިއޯއަށް ކޮށްދެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި ތިން މުއައްސަސާގެ އިސް ބޭފުޅުން ލިއޯގެ ތިލަފުށީގައި ހިނގަމުންދާ އޮޕަރޭޝަން ބައްލަވާލައްވައިފަ އެވެ. އެ ޒިޔާރަތުގެ މަގްސަދަކީ އެ ކުންފުންޏަށް އެހީތެރިކަން ދެވިދާނެ ދާއިރާތައް ދެނެގަތުން ކަމަށް ލިއޯ އިން ބުނެ އެވެ.

ލިއޯގެ ތިލަފުށީގެ ތަފާތު އެކި ސައިޓުތަކަށް ކުރެވުނު ޒިޔާރަތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އާއި މިނިސްޓަރުގެ ނައިބު ޒޫޝާން ކަމާލުއްދީން އާއި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން ސީއީއޯ ޑރ. ޒަހްރާ މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ލިއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދު ބައިވެރިވެވަޑައިގެން ކުންފުނީގެ އޮޕަރޭޝަނާބެހޭ އަދި ދިވެހިންނަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ދެއްވި އެވެ.

ދެފަރާތުން ގުޅިގެން ދިވެހި ޒުވާނުން މިދާއިރާތަކަށް ނެރުމަށްޓަކައި މިހާރުން މިހާރަށް ވެސް ގުޅިގެން ކުރެވިދާނެ ކަންކަމާމެދުގައި މަޝްވަރާކޮށް، ޕޮލިޓެކްނިކްގެ ފަރާތުން އިންތިޒާމްކުރާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ލިއޯގެ ތިލަފުށީގައި ހިނގަމުންދާ ސައިޓްތައް ކަމަށްވާ ސްޓޯ، ވެއާހައުސް، ވޯކްޝޮޕް އަދި ޑޮކްޔާޑްގައި އުޖޫރަ ލިބޭގޮތަށް، އަމަލީ މަސައްކަތްކުރުމުގެ ފުރުސަތުދިނުމާ ބެހޭގޮތުން ވެސް މަޝްވަރާކުރި ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރާއްޖޭގައި އަމިއްލަފަރާތަކުން މިހާތަނަށް ހަދާ އެންމެ ބޮޑު ޓްރެއިނިން ފެސިލިޓިއަ ކީ ތިލަފުށީގެ 43،000 އަކަފޫޓުގެ ސަރަހައްދެއްގައި ބައިނަލްއަގުވާމީ އިންޑަސްޓްރިއަލް އެންމެ ބޮޑެތި ކުންފުނިތަކާއި ލިއޯއާ ޕާޓްނާ ވެގެން ރާއްޖޭގައި ހެދޭ ކޮމާޝަލް ޓްރެއިނިން އިންސްޓިޓިއުޝަން ކަމަށް ލިއޯ އިން ބުނެ އެވެ. އަދި ޓްރެއިނިން އިންސްޓިޓިއުޓްއާއެކު ކިޔަވާ ދަރިވަރުންނަށް ހާއްސަ އެކޮމޮޑޭޝަން ފެސިލިޓީ ވެސް ގާއިމްކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.