އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް 80ރ. ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އިން ފާސްކޮށްފި އެވެ.

ހުޅުލޭގައި ހުންނަ ނޫވިލު ސީޕްލޭން ޓާމިނަލްގައި މިރޭ ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 80ރ. ބަހަން ފާސްވީ ޖަލްސާގައި ބައިވެރިވި މީހުންގެ 99 ޕަސެންޓު ވޯޓުންނެވެ. އެ ޖަލްސާގައި ބައިވެރިވީ 189 ހިއްސާދާރުންނެވެ.

މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ބަހަން ފާސްކުރި 80ރ. އަކީ މިދިޔަ އަހަރު ފާސްކުރި އަދަދަށް ވުރެ 3ރ. ބޮޑު އަދަދެކެވެ. މިދިޔަ އަހަރު ހިއްސާއަކަށް އެސްޓީއޯ އިން ބެހީ 77ރ. އެވެ.

ހުޅުލޭގައި ހުންނަ ނޫވިލު ސީޕްލޭން ޓާމިނަލްގައި މިރޭ ބޭއްވި އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވާހަކަދައްކަވަނީ. ފޮޓޯ: އެސްޓީއޯ

މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 16 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދެ ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 10 ޕަސެންޓު އިތުރު އަދަދެކެވެ.

ހިއްސާގެ ފައިދާ ބަހަން ނިންމުމުގެ އިތުރުން އަންނަ އަހަރަށް އެސްޓީއޯގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ހަމަޖެއްސި މިރޭ ވަނީ ހަމަޖައްސާފަ އެވެ. އަދި އެ ކުންފުންޏަށް އެކަމުގެ އުޖޫރައެއްގެ ގޮތުގައި 65،500 ޑޮލަރު ދިނުމަށް ވަނީ ނިންމާފަ އެވެ.