ދެ ރަށަކަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރި ކަމަށް ދެކެވޭ ވާހަކަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ދޮގުކޮށްފި އެވެ.

އެފްއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ގއ. މާމެންދޫ އަދި ގއ. ނިލަންދު އަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރިކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ހަބަރަކީ ތެދު ހަބަރެއް ނޫން ކަމަށެވެ.

އިތުރަށް ބުނެފައިވަނީ އެ ކުންފުނިން ވިއްކާ ތެލަކީ ކޮލިޓީ ތެޔޮކަން ޔަގީންކޮށް ދިނުމަށް ފެނަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހުރިހާ ބާޖެއްގައި އަބަދުވެސް ހަމަޖެހިފައި ހުންނާނެކަމުގެ ޔަގީންކަން އެ ކުންފުނިން ތެޔޮ ގަންނަ ހުރިހާ ފަރާތްތަކަށް އަރުވާ ކަމަށް ވެސް އެފްއެސްއެމް އިން ބުނެ އެވެ.

މީގެ އިތުރުން ތެލުގެ ކޮލިޓީ ދެމެހެއްޓުމަށް ތެޔޮ ވިއްކާ ފަރާތްތަކުން، އެކަމަށް ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ތެޔޮ ރައްކާކުރުމުގެ އިންތިޒާމުތައް ތަރައްގީ ކުރުމަށާއި ކަމާބެހޭ ފަރާތްތަކުގެ ލަފާއާއި އެއްގޮތަށް އަމަލު ކުރުމަށް އެ ކުންފުނިން އިލްތިމާސް ކުރާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ އެތެރެކޮށް ވިއްކާ ކުންފުންޏެވެ. އެސްޓީއޯގެ ސަބްސިޑަރީ އެފްއެސްއެމް އަކީ ރާއްޖެތެރެއަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ މައި ކުންފުންޏެވެ.