އެސްޓީއޯ މެޑިކަލް ސާވިސަސް އިން ރާއްޖެއަށް އެސްޑީ ބަޔޯސެންސަރ ލެބް އިކުއިޕްމެންޓް ތައާރަފް ކޮށްފި އެވެ.
ލޮނުޒިޔާރަތް ޕާކުގައި ބޭއްވުނު ހަފްލާގައި މި އާ އިކުއިޕްމެންޓްސް ލޯންޗްކޮށްދެއްވެވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޝިރުނާ އެވެ.
އެސްޓީއޯއިން ބުނީ އަލަށް ތައާރަފް ކުރެވިފައިވާ އިކުއިޕްމެންޓްތަކުން ވަގުތުން ނަތީޖާ ލިބޭ ޕޮއިންޓް އެފް ކެއާ ޓެސްޓުތައް ހެދޭނެ ކަމަށެވެ. އަދި މި ވަސީލަތްތަކަކީ ބޮޑެތި ހޮސްޕިޓަލު ތަކާއި ހެލްތް ސެންޓަރު ތަކުން ފެށިގެން ކްލިނިކް ތަކާއި ހަމައަށް ވަރަށް ބޭނުންތެރި ފަސޭހަ، އަވަސް އަދި، އިތުބާރު ކުރެވޭނެ ނަތީޖާ ނެރެދޭނެ ވަސީލަތްތަކެއް ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.
އަލަށް ތައާރަފް ކުރެވުނު އިކްއިޕްޓްތަކުން ހެދޭ ގިނަ ޓެސްޓުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޕްރީކޮލިފައިވެފައިވާ ޓެސްޓުތަކެކެވެ.
މިނިސްޓްރީ އޮފް ހެލްތް، އެޗްޕީއޭ، އަދި އެހެނިހެން މައި ސިއްހީ އިދާރާތަކުންނާއި ހޮސްޕިޓަލު އަދި ކްލިނިކްސް ތަކުން ހާޒިރުވި މި ހަފްލާގައި އެސްޓީއޯ އިން އަލަށް ތައާރަފްކުރި ވަސީލަތްތައް ހާޒިރީންނަށް ދައްކާލައި އަދި ތަޖްރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެން ދިޔަ އެވެ.
އަލަށް ތައާރަފް ކުރެވުނު ލެބް އިކުއިޕްމެންޓްތަކުގެ އެއް ޕްރޮޑަކްޓަކީ އެފް-200 އަދި އެފް-2400 އެވެ. މިއީ ތައިރޮއިޑް ޕްރޮފައިލް،ހިތުގެ ބަލި ހުރިތޯ ބެލުމަށް ހެދޭ ޓެސްޓުތައް، ޑެންގޫ، ގޮހޮރުގެ ބަލިތައް، ވިޓަމިން ޑީ، ބީޓާ އެޗްޗީޖީ، އިންފްލެމޭޝަން މާކާސް ހެދޭނެ ޕްރޮޑަކްޓެކެވެ.ދެން ތައާރަފް ކުރީ އެމް 10 މެޝިން އެވެ.
މި މެޝިނުން ޑެންގޫ، ޓީބީ، ފުއްޕާމޭގެ ބަލިތައް، އެސް.ޓީ.އައި އަދި އެޗް.ޕީ.ވީ ޓެސްޓް ހެދޭނެ އެވެ.
އެސް.ޑީ ބަޔޯސެންސާ އަކީ ސައުތް ކޮރެއާ އަށް ނިސްބަތްވާ ކުންފުންޏެކެވެ.
މި ކުންފުންޏަކީ ޑައިގްނޯސްޓިކް ވަސީލަތްތަށް އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކުންފުންޏެއް ކަމަށާއި މިގޮތުން މި ކުންފުނީގެ ޑައިގްނޯސްޓިކް ވަސީލަތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ދާއިރާގައި ބޭނުން ކުރެވޭ ކޮލިޓީ ރަނގަޅު އިތުބާރުހިފޭ މޮޅު އުފެއްދުން ތަކެއް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.