މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކާގޯ އޮޕަރޭޝަނުގައި އަމަލީ ގޮތުން އެކުންފުނީގެ އިސްވެރިން ބައިވެރިވެއްޖެ އެވެ.

މިއަދުގެ މި ހަރަކާތުގައި އެމްޕީއެލްގެ ސީއީއޯ އާއި ބޯޑު ބައެއް މެންބަރުން އެ ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ ވެރިން އަމަލީ ގޮތުން ބައިވެރިވި އެވެ.

އެމްޕީއެލްގެ އިސްވެރިން އަމަލީ ގޮތުން ޕޯޓް އޮޕަރޭޝަންގައި ބައިވެރިވީ ޕޯޓް އޮޕަރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، މެނޭޖްމަންޓާއި މުވައްޒަފުންނާއި ދެމެދު އޮތް ގުޅުން ވަރުގަދަކޮށް، މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންނެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ އެމްޕީއެލްގެ މައި ވިޔަފާރި ބަނދަރަށް ބާލައި މުދާ ކްލިއާ ކުރުމުގެ މަސައްކަތުގައި އެ ކުންފުނީގެ އިސްވެރިން މިއަދު ބައިވެރިވީ މިމަސައްކަތުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް އަމިއްލައަށް ތަޖުރިބާކޮށް ދެނެގަތުމަށްޓަކައި ކަމަށެވެ. އަމިއްލަ ތަޖުރިބާއަށްފަހު ހިދުމަތް އަވަސްކުރުމަށް އަދި ފަސޭހަކޮށް ހިދުމަތް ފޯރުކޮށްދިނުމަށް ގެންނަންޖެހޭ ބަދަލުތައް އެނގިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ އެމްޕީއެލްގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ ކާގޯ އޮޕަރޭޝަންސްގެ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ކުންފުނީގެ ހުރިހާ މުވައްޒަފުން ވެސް ހޯދަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ކުންފުނީގެ ހުރިހާ މުވައްޒަފުން ވެސް ކާގޯ އޮޕަރޭޝަންސްގެ އަމަލީ ތަޖުރިބާ ހޯދާ ޕްރޮގްރާމް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.