ރާއްޖޭގެ އެންމެ ބޮޑު ބޭންކަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.

މިއީ ކޮވިޑްގެ ފަހުން އެ ބޭންކުގެ ފައިދާ މިހާ ބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ބޭންކު (ބޭންކް އޮފް މޯލްޑިވްސް) މިއަދު އާއްމުކުރި މިދިޔަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ސާފު ފައިދާގެ ގޮތުގައި ލިބުނީ 448 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 43.7 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. އަދި މިއީ 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 102.7 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 551.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މާލީ ހިސާބުތައް އާއްމުކުރުމަށްފަހު އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ވަނީ މި ކުއާޓަރުގައި ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރއާ އަޅާބަލާއިރު ތިން ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

އެ ބޭންކުން ބުނީ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުން 2.8 ބިލިއަން ރުފިޔާގެ އާ ލޯނު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ކަމަށެވެ.