އެސްޓީއޯގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިއީ މީގެ ކުރީ ކުއާޓާއާ އަޅާބަލާއިރު 23 އިންސައްތައިގެ ދަށްވުމެކެވެ. ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯގެ މައިގަނޑު ވިޔަފާރިކަމުގައިވާ ތެލުގެ ވިޔަފާރީގެ އަގުތަކަށް ދުނިޔޭގެ ބާޒާރުގައި އައި ބަދަލާ ގުޅިގެން، ރާއްޖޭގެ މާކެޓްގައި ތެޔޮ ވިއްކާ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށް އެސްޓީއޯއިން ބުންޏެވެ. ތެލުގެ އަގުތައް ދަށްކުރުމާއެކު ޖުމްލަ ފައިދާ މީގެ ކުރީ ކުއާޓާރާ އަޅައި ބަލާއިރު 16 އިންސައްތައިން ދަށްވެ، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 515 މިލިއަން ރުފިޔާ އެވެ.

ކުންފުނީގެ ޖުމްލަ ފައިދާ ދަށްވިކަމުގައި ވިޔަސް ހިންގުމުގެ ހަރަދު ނިސްބަތުން ދަށްވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ދެވަނަ ކުއާޓާރުގައި ވަނީ 203 މިލިއަން ރުފިޔާ ލިބިފަ އެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓަރގެ ސާފު ފައިދާއަކީ 177 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 148 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 24 އިންސައްތައެވެ.