ބީއެމްއެލްގެ ބައެއް އޭޓީއެމްތަކުގައި މައްސަލަ ޖެހި ކަސްޓަމަރުންނަށް ބޮޑު ތަކުލީފަކާ ކުރިމަތިވެއްޖެ އެވެ.

ރާއްޖޭގައި އެންމެ ބޮޑު ބޭންކުން މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ބައެއް އޭޓީމްތަކަށް މައްސަލަ ދިމާވެ، ބޭނުންނުކުރެވޭ ކަމަށް ބުނެ ބައެއް ކަސްޓަމަރުން ވަނީ ޝަކުވާކޮށްފަ އެވެ.

ކަސްޓަމަރުން ބުނީ އަމީނީމަގުގައި ހުރި އޭޓީއެމްތައް މިއަދު ހަވީރުން ފެށިގެން ބޭނުން ނުކުރެވޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތަކެއް ދަތިތަކާ ކުރިމަތިލާންޖެހުނު ކަމަށް "ހުރިހާ"އާ ވާހަކަ ދެއްކި ކަސްޓަމަރަކު ބުންޏެވެ.

"ދެން އަޅުގަނޑުމެން މިޖެހެނީ އެއް އޭޓީއެމުން އަނެއް އޭޓީއެމަށް ދުވަން. އެތައް އިރެއްފަހުން އޭޓީއެމަކުން ފައިސާ ނެގެނީ،" ކަސްޓަމަރަކު ބުންޏެވެ.

ބީއެމްއެލްގެ އޭޓީއެމްތައް ޑައުންވުމުގެ މައްސަލަ ދޭތެރެ ދޭތެރެއިން ކުރިމަތިވެ އެވެ. އަދި މިފަހަރު އެ މައްސަލަ ދިމާވީ އެ ބޭންކުން ބޭނުންކުރާ މައިކްރޯސޮފްޓްގެ ސޮފްޓްވެއާއަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މައިކްރޯސޮފްޓްގެ ސޮފްޓްވެއާއަށް މައްސަލަ ދިމާވެ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ބޭންކުތަކަށާއި އެއާލައިންތަކަށާއި އެ ނޫންވެސް ވަރަށް ގިނަ ހިދުމަތްތަކަށް ބުރޫއެރި އެވެ.

ބީއެމްއެލްގެ ހިދުމަތްތަކަށް ދިމާވި މައްސަލަ އެ ބޭންކަށް ހައްލުކުރެވުނީ ރޭ ދަންވަރު އެވެ.

ބީއެމްއެލްގެ އޭޓީއެމްތަކަށް އެކި މައްސަލަތައް ދިމާވެ ދޭތެރެ ދޭތެރެއިން ހިދުމަތް މެދުކެނޑެ އެވެ.

ބީއެމްްއެލް އިން ކަސްޓަމަރުންގެ ޝަކުވާތަކަށް ހައްލު ގެންނަމުން ނުދާތީ ގިނަ ކަސްޓަމަރުން ދަނީ ބީއެމްއެލް ދޫކޮށް އެހެން ބޭންކުތަކުގެ ހިދުމަތަށް ބަދަލުވަމުންނެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ބީއެމްއެލްއަށް ލިބުނު މިންވަރު ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ.

މިދިޔަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ސާފު ފައިދާގެ ގޮތުގައި ލިބުނީ 448 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 43.7 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. އަދި މިއީ 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 102.7 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ބޭންކަށް ސާފު ފައިދާގެ ގޮތުގައި 551.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.