މުސާރަ ޖަމާކޮށްދިނުމާއި ބޮޑެތި އަދަދުތަކުން ފައިސާ ފޮނުވުމުގެ ހިދުމަތް ބީއެމްއެލް އިން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އެކްސްގައި މިރޭ ބުނެފައި ވަނީ އެ ދެ ހިދުމަތް މެދުކަނޑާލިޔަސް އީމެއިލް މެދުވެރިކޮށް އެފަދަ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ބީއެމްއެލް އިން ބުނެފައި ވަނީ މުސާރަ ޖަމާކޮށްދިނުމާއި ބޮޑެތި އަދަދުތަކުން ފައިސާ ފޮނުވުމުގެ ހިދުމަތް އިންޓަނެޓް ބޭންކިންގެ އިތުރުން ފަވަރަ މެދުވެރިކޮށް ވެސް ނުފޮނުވޭނެ ކަމަށެވެ.

ބީއެމްއެލް އިން މިފަދައިން ނިންމާފައި ވަނީ ލިލީ ބީޗް ރިސޯޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ އެކައުންޓަށް މުސާރައިގެ ގޮތުގައި އޮޅިގެން 77 ބިލިއަން ޑޮލަރު ޖަމާކުރެވި، އެ ބޭންކުގެ އިންޓަނެޓް ބޭންކިންގެ ހިދުމަތް އެތައް ގަޑިއިރަކު މެދުކަނޑާލާފައި ވަނިކޮށެވެ.

އެ މައްސަލައާ ގުޅިގެން ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ޕޭމަންޓް ޕްރޮސެސް ކުރުމުގެ ތެރޭގައި މުވައްޒަފަކަށް ބައެއް އެކައުންޓްތަކަށް އޮޅިގެން ގިނަ އަދަދެއްގެ ފައިސާ ކްރެޑިޓް ކުރެވިފައިވާ ކަމަށެވެ. އަދި މި އެކައުންޓްތައް ދެނެގަނެ، އެ ފައިސާ އަނބުރާ ނަގާފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ މުވައްޒަފުންނަށް މުސާރަ ޖަމާކުރަން ބޭނުންކުރާ ބަލްކް ޕޭމަންޓަށް ދާދިފަހުން ގެނައި ބަދަލާއެކު ހިނގި މި ހާދިސާގެ ސަބަބުން އެއްވެސް މާލީ ގެއްލުމެއް އެ ބޭންކަށް ނުލިބޭ ކަމަށެވެ. މިއާ ގުޅިގެން ސޯޝަލް މީޑިއާގައި ބީއެމްއެލްއާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ވަނީ ފަށައިފަ އެވެ.