ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޮބައިލް ބޭންކިން އެޕްލިކޭޝަނާއި އޭޓީއެމްތައް އަނެއްކާ ވެސް ޑައުންވެ، ކަސްޓަމަރުންނަށް ބޮޑު ތަކުލީފެއް އުފުލަން ޖެހިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ މޮބައިލް ބޭންކިން އެޕް އަދި އޭޓީއެމްތައް ދޭތެރެ ދޭތެރެއިން ޑައުންވުމުގެ މައްސަލަ ދިމާވެ އެވެ. ނަމަވެސް ސިސްޓަމްތަކަށް ދިމާވި ޓެކްނިކަލް މައްސަލައެކޭ ބުނުން ފިޔަވައި އިތުރު އެއްވެސް ތަފުސީލެއް އެ ބޭންކުން ދުވަހަކު ވެސް ނުދެ އެވެ. ބީއެމްއެލްގެ އެޕް އަދި އޭޓީއެމްތައް ޑައުންވުމުގެ މައްސަލަ ދޭތެރެ ދޭތެރެއިން ދިމާވާއިރު، ރާއްޖޭގެ އެހެން ބޭންކުތަކުގެ އެޕްތަކަށް މިހާ އާއްމުކޮށް މައްސަލަ ދިމާވާ ކަމެއް އެނގިފައެއް ނުވެ އެވެ.

ބީއެމްއެލްގެ އެޕް އާއި އޭޓީއެމްތައް ރޭ ފަތިހުން ފެށިގެން ކުއްލި ގޮތަށް މިއަދު ހެނދުނު ޑައުންވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ އެ ބޭންކަށް ފާޑުކިޔަމުންނެވެ.

ސޯޝަލް މިޑިއާގައި ބައެއް މީހުން ބުނެފައި ވަނީ ބީއެމްއެލްއަކީ އެތައް ހާސް ބަޔަކު ވަރަށް ބޮޑަށް ބަރޯސާވާ ބޭންކެއް ކަމަށާއި މިފަދަ މައްސަލަތައް ގިނަގިނައިން ދިމާވުމަކީ ކަސްޓަމަރުންނަށް ވަރަށް ބޮޑު ގެއްލުންތަކެއް ލިބޭ ކަމެއް ކަމަށެވެ. އަދި ކަސްޓަމަރުންނަށް ލިބޭ މިފަދަ ގެއްލުންތަކުގެ ޒިންމާ އެ ބޭންކުން އުފުލަން ޖެހޭނެ ކަމަށް ވެސް މީހަކު ބުނެފައިވެ އެވެ.

ބައެއް މީހުން ބުނެފައި ވަނީ ބީއެމްއެލްއަށް މިހާރު އިތުބާރުކޮށްގެން ތިބެވެން ނެތް ކަމަށާއި އެހެން ބޭންކުތައް ހިޔާރުކުރަން ޖެހިފައިވާ ކަމަށެވެ.

"މިހާރު ބީއެމްއެލްއަށް އިތުބާރުކޮށްގެން ތިބޭކަށް ނެތް. ދިމާވާ މައްސަލައެއް ދުވަހަކު ހައްލުކުރެވޭ ކަމަކަށް ނުވޭ. އަބަދު ކޮންމެ ވެސް މައްސަލައެއް ދިމާވުމުން ބަހަނާ ނޫން އެއްޗެއް ނުދައްކާ،" އެ ބޭންކުގެ ކަސްޓަމަރަކު ބުނެފައިވެ އެވެ.