އެސްޓީއޯ އިން މާލޭގައި 25 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އެސްޓީއޯން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފަ އެވެ.

އެސްޓީއޯގެ އާ އިމާރާތް ހަދަނީ 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ހަރަދު ކޮށްގެންނެވެ. އެއީ 1،393 އަކަމީޓަރުގެ ޖާގައިގެ ސަރަހައްދެކެވެ. އެތަން ހަދަނީ އެސްޓީއޯގެ މިހާރުގެ ހެޑް އޮފީސް އިމާރާތާ ޖެހިގެން އޮންނަ 15،000 އަކަ ފޫޓުގެ ހުސް ބިމުގަ އެވެ.

އެސްޓީއޯން ބުނީ 25 ފަންގިފިލާގެ ކޮމާޝަލް އިމާރާތެއް އެޅުމަށް ނިންމާފައިވަނީ އެކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ ޖާގަ އިތުރުކޮށް ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.

އެ އިމާރާތުގައި އޮފީސް ޖާގައަށް ޚާއްސަ ބަޔަކާއި ޓްރެއިނިން ސެންޓަރަކާއި މަލްޓިޕާޕަސް ހޯލާއި ކެފެޓީރިއާއާއި ރެކްރިއޭޝަނަށް ޚާއްސަ ބަޔަކާއި ވެލްނެސް ސެންޓަ ފަދަ ތަންތަން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

މި އިމާރާތް ތަރައްގީ ކުރަނީ މަޝްރޫއުގެ 15 ޕަސެންޓު އިކުއިޓީ އެސްޓީއޯން ދޭ ގޮތަށް ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުންނެވެ. ކޮންޓްރެކްޓަރާ މި މަސައްކަތް ހަވާލުކުރަނީ އިންޖިނިއަރިން، ޕްރޮކިއުމަންޓު އަދި ކޮންސްޓްރަކްޝަން (އީޕީސީ) މޮޑެލްގެ ދަށުންނެވެ.

އެސްޓީއޯން ބުނީ އިމާރާތް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަކީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 18 މިލިއަނަށް ވުރެ އަގުބޮޑު މަޝްރޫޢެއް ހިންގާފައިވާ ކުންފުންޏަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ފާއިތުވި ފަސް އަހަރު ތެރޭ އެފަދަ ބޮޑު މަޝްރޫޢެއް ހިންގާފައިވާ ޕްރައިމަރީ ކޮންޓްރެކްޓަރަކަށް ވާންޖެހޭނެ ކަމަށާއި ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުން ބަލައިނުގަންނާނެ ކަމަށް ވެސް އެސްޓީއޯން ބުނެ އެވެ.