ދިހަ ގަޑިއިރު ފަހުން ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އާއި އޭޓީއެމް އަލުން ބޭނުންކުރެވޭ ގޮތް ހަދައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ މޮބައިލް ބޭންކިން އެޕް އަދި އޭޓީއެމްތައް ދޭތެރެ ދޭތެރެއިން ޑައުންވުމުގެ މައްސަލަ ދިމާވެ އެވެ. ނަމަވެސް ސިސްޓަމްތަކަށް ދިމާވި ޓެކްނިކަލް މައްސަލައެކޭ ބުނުން ފިޔަވައި އިތުރު އެއްވެސް ތަފުސީލެއް އެ ބޭންކުން ދުވަހަކު ވެސް ނުދެ އެވެ.

ބީއެމްއެލްގެ އެޕް އާއި އޭޓީއެމްތައް ރޭ ފަތިހު ގާތްގަނޑަކަށް 4:00 ހާއިރު ކުއްލި ގޮތަށް ޑައުންވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ އެ ބޭންކަށް ފާޑުކިޔަމުންނެވެ. އަދި ދަނޑިވަޅުގެ ބޭނުން ހިފައި އެހެން ބޭންކުތަކުން އަންނަނީ އެ ބޭންކުތަކުގެ ހިދުމަތް ސޯޝަލް މީޑިއާގައި އިސްތިހާރު ކުރަމުންނެވެ.

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ހިދުމަތްތައް އަލުން ދޭން ފެށުމަށްފަހު މިއަދު ހަވީރު ކުރި ޓުވީޓެއްގައި ވަނީ ހިދުމަތް މެދުކެނޑުމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދިފަ އެވެ.

ބީއެމްއެލްގެ ހިދުމަތްތައް މިހާ ގިނައިރުވަންދެން މިފަހުން މެދުކެނޑިފައެއް ނުވެ އެވެ. އެ ބޭންކުގެ ހިދުމަތްތައް މެދުކެނޑުމާ ގުޅިގެން އާއްމުންގެ ނުރުހުން އެ ބޭންކަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އަދި ބީއެމްއެލް ނޫން އެހެން ބޭންކުތައް ބޭނުންކުރަން ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ފަހަކަށް އައިސް އެ ބޭންކުގެ ފަރުވާކުޑަވުމުގެ ސަބަބުން ކަސްޓަމަރުންނަށް ހިދުމަތްތައް މެދުކެނޑި، އެތައް ތަކުލީފުތަކާ ކުރިމަތިލާ ޖެހުމުން ގިނަ ބަޔަކު ދަނީ ބީއެމްއެލްއަށް ފާޑުކިޔަމުންނެވެ.