ބީއެމްއެލްއަށް އޮޅިގެން އެކި މީހުންގެ އެކައުންޓަށް 77 ބިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް ނިންމައިފި އެވެ.

މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ ބައްދަލުވުމެއްގަ ވަނީ ބީއެމްއެލްގެ މުވައްޒަފަކަށް އޮޅިގެން 77 ބިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ބެލުމަށް ނިންމާފަ އެވެ.

އެ މައްސަލައާ ގުޅިގެން ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ޕޭމަންޓް ޕްރޮސެސް ކުރުމުގެ ތެރޭގައި މުވައްޒަފަކަށް ބައެއް އެކައުންޓްތަކަށް އޮޅިގެން ގިނަ އަދަދެއްގެ ފައިސާ ކްރެޑިޓް ކުރެވިފައިވާ ކަމަށެވެ. އަދި މި އެކައުންޓްތައް ދެނެގަނެ، އެ ފައިސާ އަނބުރާ ނަގާފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ މުވައްޒަފުންނަށް މުސާރަ ޖަމާކުރަން ބޭނުންކުރާ ބަލްކް ޕޭމަންޓަށް ދާދިފަހުން ގެނައި ބަދަލާއެކު ހިނގި މި ހާދިސާގެ ސަބަބުން އެއްވެސް މާލީ ގެއްލުމެއް އެ ބޭންކަށް ނުލިބޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ސިސްޓަމްތަކަކީ ރައްކާތެރި ސިސްޓަމްތަކެއް ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް އަރުވަން. މި ވަގުތު އަޅުގަނޑުމެންގެ އިންޓަނެޓާއި މޯބައިލް ބޭންކިން މެދުކެނޑިފައިވާތީ އަޅުގަނޑުމެން މާފަށް އެދެން،" ހެދުނު ގޯހާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި އެ ބޭންކުން ބުނެފައިވެ އެވެ.

އިއްޔެ އާއި މިއަދުވެސް ވަނީ ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަން އާއި އޭޓީއެމްތަކުގައި މައްސަލަ ޖެހި ހިދުމަތައް ބުރޫއަރާފަ އެވެ.