މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު ސާފު ފައިދާ ބޮޑުތަނުން ދަށަށް ހިނގައްޖެ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލާއި ގޭހުގެ ވިޔަފާރިކުރާ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ 147.9 މިލިއަން ރުފިޔާ މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 24 ޕަސެންޓް ދަަށް އަދަދެކެވެ.

އެ ކުންފުންޏަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 170.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯއަށް މިދިޔަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ ދަށްވި ސަބަބާ ބެހޭ ގޮތުން ބުނީ މިއީ އެސްޓީއޯގެ މައިގަނޑު ވިޔަފާރި ކަމަށްވާ ތެލުގެ ވިޔަފާރީގެ އަގުތަކަށް ދުނިޔޭގެ ބާޒާރުގައި އައި ބަދަލާ ގުޅިގެން، ރާއްޖޭގެ މާކެޓްގައި ތެޔޮ ވިއްކާ އަގުތަށް ދަށްކުރުމާ ގުޅިގެން ކަމަށެވެ. އަދި ތެލުގެ އަގުތައް ދަށްކުރުމާއެކު ޖުމްލަ ފައިދާ މީގެ ކުރީ ކުއާޓާރާ އަޅައި ބަލާއިރު 16 ޕަސެންޓް ދަށްވެ، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 515 މިލިއަން ރުފިޔާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯގެ މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާ ބޮޑުތަނުން ދަށްވިއިރު، އެ ކުންފުނިން އަންނަނީ އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތާއި އެސްޓީއޯއާ އިންވެގެން އޮންނަ ގޯތީގައި 25 ބުރީގެ އިމާރާތެއްގެ އިތުރުން އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ މަޝްރޫއެއް ޗައިނާގެ ކުންފުންޏާއެކު ހިންގުމަށް ނިންމައިފަ އެވެ.