މިދިޔަ ސަރުކާރުން ފެނަކައާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ އެއްބަސްވުންތައް ބާތިލްކޮށް، އެމަޝްރޫއުތައް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ، ބ. ދޮންފަނުގައި ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ ނިޒާމްގެ މަޝްރޫއާ ގުޅޭ ގޮތުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތޮލިބް ވިދާޅުވީ މިހާރު ފަށާފައިވާ ފެނާއި ނަރުދަމާގެ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށެވެ. އަދި ފެނަކައިން ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫއެއް އެމްޑަބްލިއުއެސްސީއާ ހަވާލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ފެނަކައަކީ މިކަހަލަ ކޮންޓްރެކްޓު މަސައްކަތް ހިންގާނެ ކޮންޓްރެކްޓަރަކަށް ނުވާތީ އާއި ހިދުމަތް ފޯރުކޮށްދޭ ސާވިސް ޕްރޮވައިޑާއަކަށް ވާތީ ސަރުކާރުން ނިންމީ އެ ޕްރޮޖެކްޓު މަސައްކަތް، އެގޮތަށް ހަވާލުކޮށްފައި، ފެނަކައާ ހަވާލުކޮށްފައި ހުރި ހުރިހާ މަޝްރޫއުތަކެއް، ކޮންޓްރެކްޓް ބާތިލުކުރުމަށް ފަހުގައި އެމްޑަބްލިއުއެސްސީއާ ވާހަކަދައްކައިގެން ޑައިރެކްޓު ނެގޯޝިއޭޝަނެއްގެ ތެރެއިން އެމްޑައިބްލިއުއެސްސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔުން،" މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ 20 ރަށެއްގެ ފެނާއި ނަރުދަމާ އެމްޑަބްލިއުއެސްސީއާ ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ. އެ ޕްރޮޖެކްޓްތަކަށް 1 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ފެނަކައިން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކެއް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ މިދިޔަ މޭ މަހުގެ ކުރީކޮޅު ވަނީ އެމްޑަބްލިއުއެސްސީއާ ބައްދަލުކޮށްފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކައިގެ ދަރަނި އިތުރުވެ، ކުންފުނީގެ މުވައްޒަފުންގެ އަދަދު ބޮޑުތަނުން މަތިވެ، އެ ކުންފުނި ވަނީ މާލީ މައްސަލަތަކެއްގެ ތެރެއަށް ވެއްޓިފަ އެވެ. އެ ކުންފުނިން ސަޕްލަޔަރުންނަށް ދޭންވެފައި ހުރި ފައިސާގެ އަދަދު އެތައް ބިލިއަން ރުފިޔާއަކަށް އަރަ އެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކައިން އަންނަނީ އެ ކުންފުނީގެ ޕްރޮޖެކްޓްތަކަށް ނަގާފައި ހުރި މުވައްޒަފުންތައް ވަޒީފާއިން ވަކިކުރަމުންނެވެ. އެގޮތުން، މިހާތަނަށް 900އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ވަކިކޮށްފަ އެވެ.