ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި ބޭކާރު ހާހަކަށް ވުރެ ގިނަ މުވައްޒަފުން މިއަހަރުގެ ތެރޭގައި ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލައިފި އެެވެ.

ދައުލަތުގެ ކުންފުނިތައް ރެގިއުލޭޓް ކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އާންމުކޮށްފައިވާ ކުންފުނިތަކުގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 34،369 މުވައްޒަފުން ތިބި ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މިހާރު ތިބީ 33،284 މުވައްޒަފުން ކަމަށް ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން މިއީ 1،085 މުވައްޒަފުންގެ މަދުވުމެކެވެ.

މިރިޕޯޓުން އެނގޭ ގޮތުގައި އެންމެ ގިނަ މުވައްޒަފުން ވަކިކޮށްފައިވަނީ ގާތްގަނޑަކަށް ބަނގުރޫޓްވެފައި އޮތް ފެނަކަ ކުންފުނިންނެވެ. ފެނަކައިގައި މިދިޔަ އަހަރު ނިންމާލިއިރު 7،132 މުވައްޒަފުން ތިބި ނަމަވެސް ފުރަތަމަ ކުއާޓަރު ނިމުނުއިރު އެ ކުންފުނީގައި ތިބީ 6،543 މުވައްޒަފުންނެވެ. މިއީ 589 މުވައްޒަފުންގެ މަދުވުމެކެވެ.

ދެވަނައަށް އެންމެ ގިނަ މުވައްޒަފުން މަދުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. މިދިޔަ އަހަރު ނިމުނުއިރު އެޗްޑީސީގައި 2،239 މުވައްޒަފުން ތިބި ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓާ ނިންމާލިއިރު އެ ކުންފުނީގައި ތިބީ 1،682 މުވައްޒަފުންނެވެ. މިއީ 557 މުވައްޒަފުންގެ މަދުވުމެކެވެ.

ސަރުކާރުން މިހާރު ފަށާފައިވާ ހަރަދު ކުޑަކުރުމުގެ މަސައްކަތުގެ ދަށުން އެންމެ ބޮޑަށް ސަރުކާރުން އިސްކަން ދީފައިވަނީ ވެސް ކުންފުނިތަކަށް ސަރުކާރުން ކުރާ ހަރަދުތައް ކުޑަކޮށް ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށްގެން ނަތީޖާ ނެރުމަށެވެ.