ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުން އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން (އައިސްތު) ވަކިކުރަން ޕީސީބީން އަންގައިފި އެވެ.

ބީއެމްއެލްއަށް ހިދުމަތް ކުރައްވާތާ 42 އަހަރުވެފައިވާ އައިސްތު ބޭންކުގެ ބޯޑުން ވަކިކުރަން ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން އޭނާއަށް މިއަދު ސިޓީއެއް ވަނީ ފޮނުވައިފަ އެވެ. ނަމަވެސް އޭނާ ވަކިކުރެވޭނީ އޭޖީއެމްއަކުންނެވެ.

ބީއެމްއެލްގެ ބޯޑުން ވަކިކުރަން އެންގި ނަމަވެސް އޭނާ ބީއެމްއެލްގެ ޑިޕިއުޓީ ސީއީއޯގެ ގޮތުގައި ދެމިހުންނަވާނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އައިސްތު ބޯޑުން ވަކިކުރަން ސަރުކާރުން އެންގި ކަމެއް އެނގިފައި ނެތް ކަމަށެވެ.

އައިސްތު ވަކިކުރަން ޕިސީބީން އެންގިއިރު ބީއެމްއެލްއަށް ޑޮލަރު ލިބޭވަރު މަދުވެ އެ ބޭންކުގެ ކާޑުތަކުން ބޭރުގައި ވިޔަފާރި ކުރަން ދީފައިވާ ލިމިޓްތައް ކުޑަކުރަން ބޭންކަށް ވަނީ މަޖުބޫރުވެފަ އެވެ.