ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލަން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު ނިންމި ނިންމުމާ ގުޅިގެން އެ ބޭންކުން ދޫކުރާ ވިސާ އަދި މާސްޓާ، އެމެކްސް ޑެބިޓް ކާޑުތައް ވެގެން މިދިޔައީ ބީއެމްއެލް އިން އެންމެ ފުރަތަމަ ދޫކުރި ކޭޝް ކާޑު ފަދަ ބޭކާރު އެއްޗަކަށެވެ. އަދި ބޮޑު ފީއެއް ނަގައިގެން ދޫކުރާ ކްރެޑިޓް ކާޑުތައް ވެސް މިހާރު މިވީ ޕްލާސްޓިކް ކޮޅަކަށެވެ.

ބީއެމްއެލްގެ ނިންމުމާ ބެހޭ ގޮތުން އެ ބޭންކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ބޭންކުން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް ބަދަލު ގެނެސް މިއަދުން ފެށިގެން އަމަލުކުރަން ނިންމާފައިވާ ކަމަށެވެ.

"ބޭންކުން މި ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ،" ސަރުކާރު ހިއްސާވާ އެންމެ ބޮޑު ބޭންކުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ކާޑު ލިމިޓްތަކަށް ގެނައި ބަދަލުތައް:

  • މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ.
  • މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ.
  • މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން.

މި ބަދަލު ގެނައުމަށްފަހު އެ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ މިވޭތުވެ ދިޔަ އަހަރެއްހާ ދުވަހު ބޭންކުން އައީ ކާޑުން ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތަކުގެ އަދަދު ނުހަނު ގާތުން ބަލަމުން ކަމަށެވެ.

"އަޅުގަނޑު ތަކުރާރުކޮށް ދަންނަވާފައިވާ ފަދައިން ބޭންކަށް ވިއްކޭނީ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާއެއް،" ޑޮލަރުން ބޮޑު އަދަދެއްގެ މުސާރަ ލިބޭ ސީއީއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަހަރު ތެރޭގައި ކަސްޓަމަރުން އަތުން ބޭންކަށް ގަންނަން ލިބުނީ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ކަމަށެވެ. އެހެން ނަމަވެސް ކާޑުތަކުން ކުރެވުނު މުއާމަލާތްތަކުގެ އަދަދު މީގެ ތިން ގުނަ ބޮޑު ކަމަށް ކާލް ވިދާޅުވި އެވެ.

"ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ބޭރު ފައިސާގެ އަދަދު ނުހަނު ބޮޑު މިންވަރަކަށް ދަށްވެގެންދާކަމެއް. ތަފާސްހިސާބަށް ބަލާއިރު ކާޑުތައް ބޭނުންކޮށްގެން މައިގަނޑުކޮށް ކުރާ ދަތުރުތަކާއި އޮންލައިން ވިޔާފާރިތަކަށް ވުރެ އިގްތިސާދީ މުހިންމު ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ ބޭރު ފައިސާގެ މިންވަރު 75 ޕަސެންޓް ދަށް،" އޭނާ ވިދާޅުވި އެވެ.

ކާލް ވިދާޅުވީ ބޭންކުގެ އެންމެ މަތީ މަސްލަހަތަކީ ޑިޕޮސިޓަރުންނަށް ރައްކާތެރިކަން ދިނުން ކަމަށެވެ. އަދި ބޭންކަށް ގަންނަން ނުލިބޭ އަދަދެއް ބޭންކަށް ނުވިއްކޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބީއެމްއެލް އިން ދޫކޮށްފައިވާ ޑޮލަރު ކްރެޑިޓް ކާޑުންނާއި ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކުރިއެކޭ އެއްގޮތަށް އެކައުންޓްގައި ޑޮލަރު ހުރި މިންވަރަކަށް ކަސްޓަމަރުންނަށް މުއާމަލާތްތައް ކުރެވޭނެ. މަހުން މަހަށް ކެނޑޭ ބޭރުގެ މުއާމަލާތްތައް މެދު ނުކެނޑި ހިންގުމަށްޓަކައި ކަސްޓަމަރުންގެ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ޑޮލަރު އެކައުންޓަށް ބަދަލުކުރުމަށް އިލްތިމާސްކުރަން. އަޅުގަނޑުމެންނާއެކު އެކައުންޓެއް ހުޅުވުމަކީ ފަސޭހަ ކަމެއް ބްރާންޗަކަށް ޒިޔާރަތް ނުކޮށް ކަސްޓަމަރުންނަށް އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިން މެދުވެރިކޮށް ވަގުތުން ޔޫއެސްޑީ އެކައުންޓެއް ހުޅުވޭނެ،" ސީއީއޯ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ބޭންކުން މިއަދު ގެނެވުނު ބަދަލަކީ ކަސްޓަމަރުންނަށް ނުހަނު ބޮޑު އަސަރެއްކުރާނެ ބަދަލެއްކަން އަޅުގަނޑު ގަބޫލުކުރާ ކަމަށެވެ. އަދި މިއީ މުހިންމު އިގްތިސާދީ ހަރަކާތްތަކަށް ބޭނުންވާ ބޭރު ފައިސާ މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއް ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ވެރިކަމާ ހަވާލުވުމަށްފަހު ކޭޝް ކާޑުތަކުން ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތް 750 ޑޮލަރުން 1200 ޑޮލަރަށް ބޮޑުކުރައްވާނެ ކަމަށް ވައުދުވެފަ އެވެ. އަދި އެކަން ތަންފީޒުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖްލިސް އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް ރައީސް މުއިއްޒު މިދިޔަ މާޗް ހަވަނަ ދުވަހު ވިދާޅުވީ ފައިސާ ޗާޕް ކުރުން ހުއްޓާލުމާ ގުޅިގެން އިގްތިސާދީ ހާލަތު ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅުތަކުގެ އަސަރު ފެންނަމުންދާ ކަމަށާއި ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް ތިރިވާން ފަށާފައިވާ ކަމަށެވެ.

އޭގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންންނަށް މަހެއްގެ މައްޗަށް ބޭނުންކުރެވޭ ޑޮލަރު ލިމިޓަކީ 750 ޑޮލަރުގެ ބަދަލުގައި 1،200 އަށް ބޮޑުކުރަން ކެބިނެޓުން ނިންމި އެވެ. ބީއެމްއެލްގެ ކާޑުތަކުން ޑޮލަރު ނެގޭ ލިމިޓް ބޮޑުކުރަމުން ގޮސް، އެ ލިމިޓު އެއްކޮށް އުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.