ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވަކިކުރިކަން އަންގާފައި ވަނިކޮށް ބީއެމްއެލްގެ ބޯޑުން އައިޝަތު ނޫރައްދީން (އައިސްތު) އިސްތިއުފާ ދެއްވައިފި އެވެ.

ބީއެމްއެލްގެ ބޯޑުން އައިސްތު ވަކިކުރަން ޕީސީބީން އެންގީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާ އިސްތިއުފާ ދެއްވީ ޕީސީބީން އޭނާ ވަކިކޮށްފައިވަނިކޮށް މިދިޔަ އާދިއްތަ ދުވަހު އޮތް ބޯޑު މީޓިންއަށް ވަޑައިގެން އެވެ.

ބީއެމްއެލްގެ ޗާޓަރު ބުނާ ގޮތުން އެ ބޭންކަކީ އާންމު ރައްޔިތުން ވެސް ހިއްސާވާ ކުންފުންޏަކަށް ވާތީ އެ ބޭންކުގެ ބޯޑް ޑިރެކްޓަރުން ވަކިކުރެވެނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުންނެވެ.

ބީއެމްއެލްއަށް ހިދުމަތް ކުރައްވާތާ 42 އަހަރުވެފައިވާ އައިސްތު ބޭންކުގެ ޑެޕިޔުޓީ ސީއީއޯއަކަށް އައްޔަނު ކުރެއްވީ 31 އޮގަސްޓު 2020ގަ އެވެ. ބޯޑުން އިސްތިއުފާ ދެއްވިޔަސް، އަދިވެސް އޭނާ އެ މަގާމުގައި ހުންނަވާނެ އެވެ.އެެގެ ކުރިން ވެސް އޭނާ ވަނީ އެކި ފަހަރު މަތިން ބޭންކަށް ހިދުމަތް ކުރައްވައިފަ އެވެ. އޭނާ ބީއެމްއެލްއަށް ހިދުމަތް ކުރައްވާތާ 42 އަހަރު ވަނީ ވެފަ އެވެ.

ބީއެމްއެލްގެ ބޯޑުން އިސްތިއުފާ ދެއްވި ނަމަވެސް އޭނާ ބީއެމްއެލްގެ ޑިޕިއުޓީ ސީއީއޯގެ ގޮތުގައި ދެމިހުންނަވާނެ އެވެ.

އައިސްތު އިސްތިއުފާދެއްވިއިރު ބީއެމްއެލްއަށް ޑޮލަރު ލިބޭވަރު މަދުވެ އެ ބޭންކުގެ ކާޑުތަކުން ބޭރުގައި ވިޔަފާރި ކުރަން ދީފައިވާ ލިމިޓްތައް މިދިޔަ އާދީއްތަ ދުވަހު ކުޑަކުރި އެވެ. އަދި އާއްމުން އެކަމާ ނުރުހުން ފާޅުކުރުމުން ސަރުކާރުން ޕްރެޝާކޮށްގެން ބީއެމްއެލް އިން ވަނީ އެ ނިންމުން ބާތިލުކޮށްފަ އެވެ. އަދި ސަރުކާރުން ބުނީ ބީއެމްއެލް އިން އެ ދުވަހު ކުރީ މާލީ ބަޣާވާތެއް ކަމަށެވެ.