ބީއެމްއެލްގެ ބޯޑަށް ސަރުކާރުން ހުށަހަޅާފައިވާ މެމްބަރުން އައްޔަން ކުރުމަށް ހާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާއެއް އަންނަ މަހު 21 އަށް ތާވަލްކޮށްފި އެވެ.

ބީއެމްއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ޖަލްސާގައި ބައިވެވޭނީ އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީވާ މީހުންނަށެވެ.

ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިބެ އެވެ. އެއީ ސަރުކާރުން އައްޔަންކުރާ 8 މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ ތިން މެންބަރުންނެވެ. އެކަމަކު މިވަގުތު ބޯޑުގައި ތިއްބެވީ 8 ބޭފުޅުންނެވެ.

އެ ބައްދަލުވުން ބާއްވަނީ ފިނޭންސް މިނިސްޓްރީން ބީއެމްއެލްގެ އީޖީއެމްއެއް ބޭއްވުމަށް އެދުމުން ކަމަށް ވެސް ބީއެމްއެލްގެ އިއުލާނުގައި ވެ އެވެ. އެ ބައްދަލުވުން ކުރިއަށް ގެންދާނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން ޕްލެޓްފޯމް "ފަހިވޯޓު" މެދުވެރިކޮށް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

އެ ޖަލްސާގައި ބޯޑު މެންބަރުން އައްޔަން ކުރުމުގެ އިތުރުން މިދިޔަ ޖުލައި މަހު ބޭއްވި އީޖީއެމްގެ ޔައުމިއްޔާ ވެސް އިއްވުމަށް ތާވަލްކޮށްފައި ވެ އެވެ.

މިއީ މި އަހަރު ބީއެމްއެލް އިން ބާއްވާ ތިން ވަނަ އީޖީއެމް އެވެ. އޭގެ ކުރިން ބޭއްވި ދެ އީޖީއެމް ވެސް ބޭއްވީ، ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަނު ކުރުމަށެވެ.

މި ފަހަރުގެ އީޖީއެމްގައި ބައިވެރިވަން ބޭނުންވާ ހިއްސާދާރުންނަށް އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޕްރީ ރަޖިސްޓަރީ ކުރެވޭނެ އެވެ.

ބޯޑު މެންބަރުން އައްޔަނު ކުރުމަށް އީޖީއެމްއެއް ބާއްވަން ނިންމި އިރު އެ ބޯޑުގައި އިންނަވާ އެ ކުންފުނީ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން މިދިޔަ އާދިއްތަ ދުވަހު ވަނީ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބީއެމްއެލް އަށް ސަރުކާރުގެ ހިއްސާދާރުން އައްޔަން ކުރުން ލަސްވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"އެ ތަނުގައި އަދި ތިބީ ސަރުކާރުގެ ހަތަރު ޑިރެކްޓަރުން. ދެން ތިބި ފަސް މީހުންނަކީ ސަރުކާރުގެ ޑިރެކްޓަރުނެއް ނޫން. އެހެންވީމާ އަދި ނެތް މެޖޯރިޓީއެއް. އަޅުގަނޑުމެންގެ ދެ ޑިރެކްޓަރުންގެ ނަން ފޮނުވައިގެން އަދިވެސް އެ ބޭފުޅުންގެ އެ އޮންނަ ޕްރޮސީޖާއެއްގެ ތެރެއިން ދެތިން ހަފުތާ ވާނެ އެ މީހުން އައްޔަންކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

"އަދި ޗެއާމަން ވެސް އައްޔަން ނުކޮށް، ނަން ފޮނުވާފައި އޮންނާނީ."