އަޒަރުބައިޖާން އެއާލައިނުން މުޅިން އަލަށް ރާއްޖެއަށް ދަތުރުތައްފަށަން ނިންމައިފި އެވެ.

މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިފަހަރުގެ ޓޫރިޒަމް ސީޒަނާ ދިމާކޮށް އަންނަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އަޒަރުބައިޖާން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ކުރާނީ އެ ގައުމުގެ ވެރިރަށް ބަކޫއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ.

އަޒަރުބައިޖާން އެއާލައިނުން ހަފްތާއަކު ދެ ދަތުރު ރާއްޖެއަށް ކުރާނެކަމަށް އެ އެއާލައިނުން ބުނެ އެވެ. މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރާނީ ބޮއިން 787 ޑްރީމްލައިނާ އެއާކްރާފްޓެވެ. މި ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް 6 ގަޑިއިރެވެ.

މިއީ އަޒަރުބައިޖާން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރަށް ވުމާއެކު މި ދަތުރުތަކުގެ ސަބަބުން އެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުން އަދަދު އިތުރުވާނެ އެވެ. އަދި ރާއްޖެއަށް މިހާރު ވެސް ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކަކުން ދަތުރުކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިވަގުތު ބައިނަލްއަގުވާމީ 42 އެއާލައިނަކުން ދަތުރުކުރެ އެވެ. އަދި މިމަހުގެ ދޭއްގެ ނިޔަލަށް ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވާ ކަމަށް އެ ތަފާސްހިސާބުން ދައްކަ އެވެ.