ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުތަކުގެ ބޭނުން ނުކުރެވޭ މައްސަލައެއް ދިމާވެއްޖެ އެވެ.

ބީއެމްއެލްގެ ބައެއް ކަސްޓަމަރުން ވަނީ "ހުރިހާ"އަށް އެކަން ކިޔައިދީފަ އެވެ. ކަސްޓަމަރުން ބުނީ ކާޑުތަކުން ޕޭމަންޓް ނެހެދޭތީ ވަރަށް ދަތި ކަމަށެވެ.

"އަޅުގަނޑު ފިހާރައަކަށް ގޮސް ޕޭމަންޓް ހަދަން ބެލިއިރު ކާޑުގެ ބޭނުމެއް ނުކުރެވޭ. އެހެންވެ ތަކުރާރުކޮށް ބީއެމްއެލްއަށް ގުޅިން، ވަރުބަލިވެއްޖެ. ގުޅޭގޮތެއް ނުވި. މިއީތޯ ދިވެހީންގެ ބޭންކޭއޭ ބުނާ ބޭންކުގެ ހިދުމަތް ލިބޭގޮތަކީ. އެއްވެސް ނޫހަކު މިކަމުގެ އެއްވެސް މައުލޫމާތެއް އަޅުގަނޑަކަށް ނުފެނުނު،" ބީއެމްއެލްގެ ކަސްޓަމަރަކު ކިޔައިދިނެވެ.

ދޭތެރެ ދޭތެރެއިން ބީއެމްއެލްގެ އެކި ހިދުމަތްތަކުގައި މައްސަލަ ޖެހެ އެވެ. އެއިން ކޮންމެ ފަހަރަކު އެތައް ލައްކަ ކަސްޓަމަރުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހެ އެވެ. އެންމެ ގިނައިން މައްސަލަ ދިމާވަނީ ބީއެމްއެލްގެ އޭޓީއެމްތަކުގަ އެވެ. ތަކުރާރުކޮށް މިފަދަ މައްސަލަތައް ދިމާވާ ސަބަބެއް އެ ބޭންކަކަށް ބުނެ ނުދެވެ އެވެ.

ދާދިފަހުން ބީއެމްއެލް އިން ވަނީ އޮޅިގެން ބައެއް ކަސްޓަމަރުންގެ އެކައުންޓަށް ބިލިއަނުން ފައިސާ ޖަމާކޮށްފަ އެވެ. އަދި އޭގެ ކުޑަވަގުތުކޮޅެއް ފަހުން ވަނީ އިންޓަނެޓް ބޭންކިންގެ ހިދުމަތް އެތައް ގަޑިއިރަކަށް މެދުކަނޑާލާފަ އެވެ.

ބީއެމްއެލްގެ މައްސަލަތައް ބޮޑުވެ އެތަކެއް ތަކުލީފުތަކެއް އުފުލަންޖެހޭތީ ގިނަ ކަސްޓަމަރުން މިހާރު އަންނަނީ ބީއެމްއެލް ދޫކޮށް އެހެން ބޭންކުގެ ހިދުމަތް ހޯދަމުންނެވެ.