ރާއްޖޭގައި މި ދުވަސްވަރު ފުޓްސަލްގެ ފޯރިގަދަ އެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް މިހާރު ފަށައިގެން ކުރިއަށް އެބަދެ އެވެ. ފުޓްސަލް މި ފޯރިގަދަ ދުވަސްވަރުގައި، ބައިނަލްއަގުވާމީ ފުޓްސަލްގެ އެންމެ ބޮޑު މުބާރާތް ވެސް ފެށުމަށް އޮތީ ތައްޔާރުވެފަ އެވެ. ފީފާ ފުޓްސަލް ވޯލްޑް ކަޕް މި މަހުގެ 14 ވަނަ ދުވަހު އުޒްބެކިސްތާނުގައި ފަށާނެ އެވެ.
އުޒްބެކިސްތާނުގައި މި މަހު ފަށާ ފުޓްސަލް ވޯލްޑް ކަޕަކީ މި މުބާރާތް ބާއްވާ 10 ވަނަ ފަހަރެވެ. މިއީ ސެންޓްރަލް އޭޝިއާގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މި އަހަރުގެ މުބާރާތުގައި 24 ޓީމު ބައިވެރިވާނެ އެވެ.
ފުޓްސަލް ވޯލްޑް ކަޕް އެންމެ ފުރަތަމަ ބޭއްވީ 1989 ވަނަ އަހަރެވެ. މި މުބާރާތް މިހާތަނަށް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ ބްރެޒިލް އެވެ. ބްރެޒިލް ވަނީ ފަސް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. ބްރެޒިލްގެ ފަހަތުން އެންމެ ގިނައިން މުބާރާތް ކާމިޔާބުކޮށްފައި ވަނީ ސްޕެއިން އެވެ. ސްޕެއިން މުބާރާތް ކާމިޔާބުކުރީ ދެ ފަހަރެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންއަކީ ޕޯޗުގަލް އެވެ.
މި އަހަރުގެ ވޯލްޑް ކަޕްގައި ވެސް ފުޓްސަލްގެ ތަރިންތައް ފެނިގެންދާނެ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްގެ ޓީމުގައި ދުނިޔޭގެ ފެންވަރުގެ ތަރިން ކަމަށްވާ އެރިކް މެންޑޯންސާ އާއި ޕެނީ ވަރޭލާ އަދި ޒިކީ ހިމެނެ އެވެ.
ބްރެޒިލްގެ ޓީމަށް ބަލާއިރު ފެރާރޯ އާއި ސާޖިއޯ ލޮޒާނޯ ވަނީ އަނިޔާގެ މައްސަލަތަކުން އަރައިގަނެ، މި މުބާރާތަށް ފިޓުވެފަ އެވެ. ބްރެޒިލް ޓީމުގެ ޕީޓޯއަކީ ވެސް ފާހަގަކޮށްލެވޭ ތަރިއެކެވެ.
ދެހާސް ސޯޅަ ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާ އިން ވަނީ އެ މުބާރާތުގައި މުހިންމު ދައުރެއް އަދާކުރި ކްރިސްޓިއަން ބޮރޫޓޯ އާއި އެލަން ބްރެންޑީ އާއި ނީކޯ ސަރްމިއެންޓޯ އާއި ޕަބްލޯ ޓަބޯރްދާ އަދި ކިކީ ވަޕޮރާކީއަށް ޓީމުން ޖާގަ ދީފަ އެވެ.
މި މުބާރާތް މި މަހުގެ 14 ވަނަ ދުވަހު ފަށާނީ ގުރޫޕް ބީގައި ކްރޮއޭޝިއާ އާއި ތައިލޭންޑް ބައްދަލުކުރާ މެޗުންނެވެ.
ފުޓްސަލްއަށް ލޯބިކުރާ ދިވެހިންނަށް މި އަހަރުގެ ފީފާ ފުޓްސަލް ވޯލްޑް ކަޕްގެ މެޗުތައް ފަސޭހަކަމާއެކު ބަލާލެވޭނެ އެވެ.
ފީފާ ފުޓްސަލް ވޯލްޑް ކަޕްގެ މެޗުތައް މީޑިއާނެޓްގެ އައިސް ޓީވީ މެދުވެރިކޮށް ފެންނާނެ އެވެ.
ފުޓްސަލްގެ ފޭނުންނަށް ޚާއްސަ ކޮށްގެން ފީފާ ފުޓްސަލް ވޯލްޑްކަޕް އަދި ކްލަބް މޯލްޑިވްސް ކަޕްގެ މެޗުތައް ޓީވީގެ އިތުރުން މީޑިއާނެޓުގެ އެމްއެސް މީޑިއާނެޓް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މޯބައިލް ޑިވައިސްތަކުގެ ޒަރިއްޔާއިން ބަލާލެވޭނެ އެވެ. މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މެޗުތައް ބަލަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޕެކޭޖުތަކެއް ވެސް މީޑއާނެޓުން މިހާރުވަނީ ތަޢާރަފްކޮށްފަ އެވެ.
އެމްއެސް ޑިޖިޓަލް އެޕްލިކޭޝަން ޑައުންލޯޑް ކުރެއްވުމަށް ފަހު މީޑިއާނެޓު ކުއިކްޕޭ މެދުވެރިކޮށް ބޭނުންވާ ޕެކޭޖެއް ޚިޔާރުކުރެވޭނެއެވެ.