ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް މިއަދު ފަށައިފި އެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައި ދެއްވީ ހއ. އަތޮޅު ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. މިގޮތުން އެންމެ ފުރަތަމަ ތެޔޮ އެޅީ އެސްޓީއޯއިން ހިންގާ އެމްއެސްއެސް އިން އޮޕަރޭޓް ކުރަމުން އަންނަ "ވައިސީ ބެރިއާ" އަށެވެ.

ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފެށީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި ވިޓޯލްއާ ގުޅިގެންނެވެ. މި ވިޔަފާރީގެ ބޮޑު ފައިދާއެއް ލިބެނީ ވިޓޯލްއަށެވެ.

އެމްޕީއެލްއާ ގުޅިގެން ދޭ މި ހިދުމަތުގެ ދަށުން ބޯޓު ފަހަރަށް ތެޔޮ ފޯރުކޮށްދޭނީ އެސްޓީއޯއިންނެވެ.

ބަންކަރިންގެ ހިދުމަތުގައި ބޭނުންކުރަނީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް ނަކަމަށް ކިޔާ ބޯޓަކާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ ނަމަކަށް ކިޔާ ބޯޓެކެވެ. އެއީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ބަނދެފައިވާ ބޯޓްތަކެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ރާއްޖެ ހުރަސްކޮށް ދަތުރުކުރާ ބޯޓުތަކަށް ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ދޭން ފެށުމުން، އެފަދަ ބޯޓުތައް އެންމެ ފުރަތަމަ މަޑުކުރާނެ އެއް މަންޒިލަކަށް ވާނީ ރާއްޖެ އެވެ. އެ ހިދުމަތުން ރަނގަޅު އާމްދަނީއެއް ހޯދޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ބަންކަރިން ޕްރޮޖެކްޓްގެ މައުލޫމާތު އެނގޭ މީހަކު "ހުރިހާ"އާ ވާހަކަދައްކަމުން ވިދާޅުވީ މި މަޝްރޫއުން އެންމެ ބޮޑު ފައިދާއެއް ލިބެނީ ވިޓޯލްއަށް ކަމަށެވެ.

"މިކަން އެސްޓީއޯއިން މިކުރާ ގޮތަކީ ވިޓޯލްއިން ކްރެޑިޓަށް ދޭ ތެޔޮއިން ވިއްކަނީ. ހަގީގަތުގައި މީގެ ބޮޑު ފައިދާ މި ލިބެނީ ވިޓޯލްއަށް،" އޭނާ ވިދާޅުވި އެވެ. "އެސްޓީއޯއަށް ލިބެނީ ވިއްކާ ތެލުން ދިހަ ޕަސެންޓަށް ވުރެ ވެސް ކުޑަ ފައިދާއެއް. ހަގީގަތުގައި މިއީ އެސްޓީއޯ އިން އަމިއްލައަށް ވެސް ކުރެވޭނެ ކަމެއް."

އެސްޓީއޯއިން ބަންކަރިން ޚިދުމަތް ފޯރުކޮށްދޭން ފަށާއިރު، މި ޚިދުމަތާ ގުޅޭ އިތުރު 14 ޚިދުމަތެއް އުތުރު މެރިޓައިމް ސާވިސްގެ ތެރެއިން އެމްޕީއެލްއިން ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.