ބީއެމްއެލްގެ ހުސްވެފައިވާ ސީއީއޯގެ މަގާމަށް ބޭފުޅަކު ހޯދަން އެ ބޭންކުން މިއަދު އިއުލާންކޮށްފި އެވެ.

ބީއެމްއެލްއަށް ސީއީއޯއަކު ހޯދަން އިނގިރޭސިބަހުން އެ ބޭންކުން މިއަދު ވަނީ އިއުލާނެއްކޮށްފަ އެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކާލް ސްޓުމްކަ މި މަހުގެ ނުވަ ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ބީއެމްއެލް އާއި އިދިކޮޅު ފަރާތްތަކުން ގުޅިގެން މާލީ ބަޣާވާތެއް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށެވެ.

ބީއެމްއެލްގެ ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑްތަކުން ބޭރުގައި މުއާމަލާތް ނުކުރެވޭ ގޮތަށް ނިންމި ނިންމުމަކީ އިދިކޮޅު އެމްޑީޕީއާ ގުޅިގެން ކުރި ބަޣާވާތެއް ކަމަށް ސަރުކާރުން ވަނީ ތުހުމަތު ކޮށްފަ އެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކާ ސުވާލުކޮށްފައެއްނުވެ އެވެ.

ބީއެމްއެލްގެ އިއުލާނުގައިވާގޮތުން ސީއީއޯއަކަށް ބޭފުޅަކު ހޯދަނީ ތިން އަހަރުގެ މުއްދަތަކަށެވެ. އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ބޭންކިން ދާއިރާގެ 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރުމާއި އަދި އޭގެ ތެރެއިން ފަސް އަހަރަށް ވުރެ ގިނަ ދުވަހު ބޭންކިން ދާއިރާގެ އިސް މަގާމެއް ފުރާފައި ހުރުން ލާޒިމުން ހިމެނެ އެވެ. އަދި ބޭންކިން ނުވަތަ މާލީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވުން ވެސް ހިމެނެ އެވެ.

ހަމައެހެންމެ ޕްރޮފެޝަނަލް ބޭންކިން އިދާރާއެއްގެ މެންބަރެއްގެ ގޮތުގައި ހިމެނޭ ފަރާތަކަށްވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. ސީއީއޯގެ މަގާމަށް ހޮވޭ ބޭފުޅަކަށް މުސާރައިގެ އިތުރަށް ކާރާއި، ހައުސިން އަދި މެޑިކަލް އިންޝުއަރެންސް ވެސް ބޭންކުން ފޯރުކޮށްދޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

ބީއެމްއެލްގެ ސީއީއޯގެ މުސާރަ ކަނޑައަޅާނީ، އެ މީހެއްގެ ތައުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު އެވެ.

ބީއެމްއެލްގެ ސީއީއޯގެ މަޤާމަށް ބޭފުޅަކު އައްޔަންކުރާނީ 3 އަހަރުގެ މުއްދަތަކަށެވެ. އެ މުއްދަތުގައި މަސައްކަތުގެ ފެންވަރަށް ބަލައި މަގާމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމްކަ އިސްތިއުފާ ދެއްވުމުން، މިހާރު ބީއެމްއެލްގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނެވެ.