ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ ކަމަށް އެ ބޭންކުގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ކުރިމަތިލައިފި އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޝަރީފު އިސްތިއުފާ ދެއްވީ ފެބްރުއަރީ 17، 2020 ގަ އެވެ.

ފަންސަވީސް އަހަރަށް ފަހު ޝަރީފު ޑެޕިއުޓީ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާއަކީ ބީއެމްއެލްގެ ކާޑު ސެންޓަރާއި ރީޓެއިލް ބޭންކިން އާއި އޮޕަރޭޝަންސްގެ ޑިރެކްޓަރެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ކުރީކޮޅު ޝަރީފަށް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، ބޭންކުން އަމަލުކުރި ގޮތުގެ މައުލޫމާތު ދެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދޮގު ހެއްދެވިކަމަށް ތުހުމަތުތަކެއް ކުރެވިފަ އެވެ. އެމައްސަލަ މާލިއްޔަތު ކޮމިޓީން ބަލައި ފުލުހުންނަށް މައްސަލަ ހުށަހަޅައިފަ އެވެ. ނަމަވެސް ބީއެމްއެލުން ވަނީ ޝަރީފު އޮޅުވާލާފައިނުވާ ކަމަށް ބުނެފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ބީއެމްއެލްގެ ތެރެއިން ވެސް ހިންގާފައި ވާއިރު، ޝަރީފް އޭރު ހުންނެވީ ސީއީއޯގެ ދަށުން ބޭންކް ހިންގުމުގެ ކަންކަން ދުވަހުން ދުވަހަށް ބަލަހައްޓަވާ އެންމެ އިސް އެއް ބޭފުޅާގެ ގޮތުގަ އެވެ.

އޭގެ ފަހުން މެއި 2022 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ވީއައިއޭގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ)ގެ މަގާމު ވެސް އޭނާއަށް ދެއްވި އެވެ. ނަމަވެސް ފަހުން އޭނާއަށް އެ މަގާމު ނުދޭން އެ ކުންފުނިން ނިންމި އެވެ.

އިތުރުބާރު ހުރި ފަރާތަކުން ވަނީ ޝަރީފު އެ މަގާމަށް ކުރިމަތިލިކަން ކަށަވަރުކޮށްދީފަ އެވެ. އަދި އެ މަގާމަށް ކުރިމަތިލި މީހުންނާ އެ ކުންފުނީގެ ބޯޑުން މިހާރު ވަނީ އިންޓަވިއުކުރަން ވެސް ފަށައިފަ އެވެ.

މި ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ދިވެއްސަކު ގެންނަން ޖެހޭކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކައިފަ އެވެ. ބީއެމްއެލްގެ ސީއީއޯގެ މަގާމަށް މިދިޔަ 20 ވަރަކަށް އަހަރު ދުވަހު ވެސް ދިވެއްސަކު ހަމަޖައްސާފައެއް ނުވެ އެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމު ހުސްވީ އެ ބޭންކުގެ ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމްކަ މިދިޔަ މަހުގެ ނުވަވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

އޭނާ އިސްތިއުފާ ދެއްވީ މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ބީއެމްއެލް އިން ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓު އުވާލައި ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓު މަހަކަށް 100 ޑޮލަރަށް ކުޑަކުރަން ނިންމައި އެކަން އިއުލާންކުރުމުން އެއީ ބޭންކުން ހިންގި މާލީ ބަޣާވާތެއް ކަމަށް ބުނެ އޭނާ އިސްތިއުފާ ދެއްވަން ބައެއް މިނިސްޓަރުންނާއި އެހެން ބައެއް އިސްވެރިން ގޮވާލުމުންނެވެ.

ބީއެމްއެލް އިން ކާޑު ލިމިޓާ ގުޅޭ ގޮތުން ނިންމި ބޮޑު ނިންމުމާއި އެކަމާ ގުޅުވައި ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ފުލުހުން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ.

ބީއެމްއެލް އިން ބުނީ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓު އުވާލައި ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓު މަހަކަށް 100 ޑޮލަރަށް ކުޑަކުރަން ޖެހުނީ، ބީއެމްއެލްގައި ނެތް ޑޮލަރު ގަންނަން ޖެހި އެ ބޭންކުގެ މާލީ ހާލަތަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރަމުން ދާތީ ކަމަށް ބުނެ އެވެ. އެ ނިންމުން ބީއެމްއެލް އިން ބަދަލު ކުރީ ސަރުކާރާއި އެމްއެމްއޭއިން އަންގައިގެންނެވެ.