ގައުމީ އެއާ އެމްބިއުލާންސްގެ ޚިދުމަތަށް 16 މިލިއަން ރުފިޔާގެ ހާއްސަ މެޑިކަލް އިކުއިޕްމަންޓް ހަވާލުކޮށް، ރާއްޖޭގެ ސިއްހީ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސްއިން ދީފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ބުނިގޮތުގައި މިއީ އުރީދޫގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި، ސިއްހީ ހިދުމަތަށް އެހީވުމަކީ އުރީދޫގެ ސީއެސްއާރުގެ މައިގަނޑު އެއް ތަނބެވެ.

"އުރީދޫ މޯލްޑިވްސްގެ އެހީތެރިކަމާއެކު 2024 ވަނަ އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހު ފެށުނު އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ސިއްހީ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ވަގުތުގައި ވަރަށް މުހިންމު ލައިފްލައިނެއްކަން މިހާރު ވެސް ވަނީ ސާބިތުވެފައި. މިދިޔަ މާޗް މަހު އުރީދޫއިން ފޯރުކޮށްދިން ޒަރޫރީ ސާމާނަކީ މި ހިދުމަތް ކާމިޔާބުކަމާއެކު ތައާރަފްކުރުމަށް މަގުފަހިކޮށްދިނުމުގައި ވަރަށް މުހިންމު ބެޗެއް،" އެ ކުންފުނިން ބުންޏެވެ.

އުރީދޫން ބުނީ އެއާ އެމްބިއުލާންސް ފެށުނީއްސުރެ މިހާތަނަށް 436 ކޭސް ގައި، 517 ޕޭޝަންޓުން މިހާރުން މިހާރަށް ބޭނުންވާ ފަރުވާއަށް ގެންގޮސްދީފައިވާ ކަމަށެވެ. އަދި މި ހިދުމަތުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް އުރީދޫ މޯލްޑިވްސް އިން އެއާ އެމްބިއުލާންސްގެ ގާބިލްކަން އިތުރުކުރުމަށް އިތުރު ސާމާނު ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިގޮތުން ސްޕެޝަލައިޒްޑް އިކުއިޕްމަންޓްގެ މި އާ ބެޗަކީ ދަތުރުމަތީގައި ބަލިމީހުންގެ ފަރުވާ ރަނގަޅުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ހަރުދަނާ ގޮތެއްގައި އިޖާބަ ދިނުމުގެ ހިދުމަތުގެ ގާބިލްކަން ފުޅާކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ބެޗެއް ކަމަށް ވެސް އުރީދޫން ބުނެ އެވެ.

އެއާ އެމްބިއުލަންސްއަށް އުރީދޫން ހަދިޔާކުރި ސާމާނާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ. ފޮޓޯ: އުރީދޫ

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ މިއަދު އުރީދޫއިން އެއާ އެމްބިއުލާންސް ޚިދުމަތަށް ފޯރުކޮށްދިން މި އަގުހުރި އެހީއަކީ ވިޔަފާރިތަކުން އިންސާނިއްޔަތުކަމަށް އިސްކަންދީގެން މަސައްކަތް ކުރެވޭނެ ކަމުގެ ހެއްކެއް ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ސިއްހީ ޚިދުމަތަށް އިންވެސްޓްކޮށްގެން، އެ ކުންފުނިން އިންވެސްޓް ކުރައްވަމުން ގެންދަވަނީ، ކޮންމެ ދިވެއްސަކަށް ވެސް، އަޅާލާ، އަގުވަޒަންކޮށް، ރައްކާތެރިކަން އިހްސާސްކޮށްދީގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޯލްޑް ސްޓޭންޑަޑެއް ތިޔަބޭފުޅުން ކަނޑައަޅުއްވައިފި. އަޅުގަނޑުމެން އުންމީދު ކުރަނީ، އެހެން ފަރާތްތަކުންވެސް މުޖުތަމައުގެ ފައިދާއަށް މަސައްކަތް ކުރުމުގައި ތިޔަ ބޭފުޅުން ތިދެއްކެވި ނަމޫނާ ބެއްލެވުން،" ނާޒިމް ވިދާޅުވި އެވެ.

އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ މުޖުތަމައުގެ އެންމެ މުހިންމު ބޭނުންތައް ފުއްދުމަށް ޕާޓްނަޝިޕްތަކަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އުރީދޫއިން ގަބޫލުކުރާ ކަމަށެވެ. އަދި ސިއްހީ ޚިދުމަތަކީ އަސާސީ ހައްގެއް ކަމަށްވުމާއެކު، އެއާ އެމްބިއުލާންސްގެ ޚިދްމަތް ފަދަ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމާއި ގުޅިފައިވާ މަސައްކަތްތައް އެހީ ފޯރުކޮށްދިނުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަކީ އެ ކުންފުނިން ފަޚުރުވެރިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފަރާތުން ގާތްގަނޑަކަށް 16 މިލިއަން ރުފިޔާގެ މިއިންވެސްޓްމަންޓަކީ، ވަކި ސަރަހައްދަކަށް ބެލުމެއްނެތި، ކޮންމެ މީހަކަށްވެސް، ބޭނުންވެއްޖެ ހިނދެއްގައި ކްރިޓިކަލް ކެއަރ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމެއް. އަޅުގަނޑުމެން އެންމެން ގުޅިގެން، އަޅުގަނޑުމެންގެ މުޖުތަމައުތަކާ އެއްބައިވެގެން، ސިއްހީ ހިދުމަތް ކުރިއެރުވުމަށް މަގުފަހިކޮށްދީ، އަދި މިފަދަ ހައްލެއް އެންމެ ބޭނުން ޖެހިފައިވާ ދާއިރާއަށް އިންވެސްޓްކޮށްގެން، ދުޅަހެޔޮ، ހަރުދަނާ ގައުމެއް ބިނާކުރުމަކީ އަޅުގަނޑުމެން އަހައްމިއްޔަތުކަންދޭ ކަމެއް،" ހާލިދު ވިދާޅުވި އެވެ.

އެއާ އެމްބިއުލަންސްއަށް އުރީދޫން ހަދިޔާކުރި ބައެއް ސާމާނު. ފޮޓޯ: އުރީދޫ

އެންމެ ޒަމާނީ މެޑިކަލް ޑިވައިސްތައް ހިމެނޭ އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ނާޒުކު ހާލަތްތަކުގައި ބަލި މީހުން އުފުލާ ވަގުތު އިމަޖެންސީ ފަރުވާ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ހިދުމަތެކެވެ. މި އިތުރު އާލާތްތަކާއެކު މި ހިދުމަތުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކުގެ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ.