ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯގެ މަގާމަށް އެ ބޭންކުގެ ކުރީގެ ސީއީއޯ މުހައްމަދު ޝަރީފު މިއަދު ހަމަޖައްސައިފި އެވެ.

މިއީ އެ ބޭންކުގެ ތާރީހުގައި ވެސް ދިވެއްސަކު ސީއީއޯއަކަށް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ކުރީކޮޅު ޝަރީފަށް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، ބޭންކުން އަމަލުކުރި ގޮތުގެ މައުލޫމާތު ދެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދޮގު ހެއްދެވި ކަމަށް ތުހުމަތުތަކެއް ކޮށްފަ އެވެ. އެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލައި ފުލުހުންނަށް މައްސަލަ ހުށަހެޅި އެވެ. ނަމަވެސް ބީއެމްއެލުން ވަނީ ޝަރީފު އޮޅުވާލާފައިނުވާ ކަމަށް ބުނެފަ އެވެ.

ފަންސަވީސް އަހަރަށް ފަހު ޝަރީފު ޑެޕިއުޓީ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާއަކީ ބީއެމްއެލްގެ ކާޑު ސެންޓަރާއި ރީޓެއިލް ބޭންކިން އާއި އޮޕަރޭޝަންސްގެ ޑިރެކްޓަރެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޝަރީފްއަކީ މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި މީގެ ތެރޭގައި އެގްޒެކްޓިވް އަދި ބޯޑު ލެވަލްގައި ހަތް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ވެސް ހޯއްދަވާފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.

"ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތްކުރެއްވި މުއްދަތުގައި ޝަރީފްވަނީ ބޭންކުގެ ހިންގުން ޒަމާނީކުރުމަށާއި ބޭންކުން ހޯދާފައިވާ ކާމިޔާބީގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްދެއްވާފައިވޭ. މިގޮތުން ޝަރީފް ވަނީ ކޯ- ބޭންކިން ސިސްޓަމްތައް ގާއިމުކުރުމާއި، ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފްކުރުމާއި، ބޭންކުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން އިންޓަނެޓް އަދި މޮބައިލް ބޭންކިން، ސެލްފް ސާވިސް ބޭންކިންގެ އިތުރުން އީކޮމާސް ޕޭމަންޓް ގޭޓްވޭ ތައާރަފްކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައި. މި ހިދުމަތްތަކާއެކު ބޭންކުގެ މާލީ ހަލާތު ހަރުދަނާވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށް މަގުފަހިވެގެން ދިޔަ،" އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެ ބޭންކަށް ހިދުމަތްކުރެއްވި މުއްދަތުގައި ސްޓްރެޓެޖީ ހާސިލްކުރުމަށް ކުރެވުނު މުހިންމު މަސައްކަތުގެ އިސް މޭސްތިރިއެއްގެ ދައުރު އޭނާ އަދާކުރައްވާފައިވެ އެވެ. މިގޮތުން ބޭންކުގެ މުހިންމު ޑިޕާޓްމަންތަކެއް ކަމަށްވާ އިސްލާމިކް ބޭންކިން، ޓެކްނޮލޮޖީ، މާކެޓިން، ރީޓެއިލް ބޭންކިން އަދި އޮޕްރޭޝަންސް ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ކަމަށް އެ ބެންކުން ބުނެ އެވެ.

ޝަރީފް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް މެންޗެސްޓާ އިން އެމްބީއޭ ހާސިލްކުރައްވާފަ އެވެ. މީގެ އިތުރުން ލަންޑަން ބިޒްނަސް ސްކޫލް އިން ސީއީއޯއިންނާއި ސީނިއާ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ "ސީނިއާ އެގްޒެކްޓިވް ޕްރޮގްރާމް" ފުރިހަމަ ކުރައްވާފައި ކަމަށް އެ ބޭންކުން ބުނެ އެވެ.

ޝަރީފް ވަނީ 2018 އިން 2020 އަށް އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ވައިސް ޗެއާމަންގެ މަގާމް އަދާކުރައްވާފަ އެވެ.

ބީއެމްއެލް އިން ވަކިވެވަޑައިގަތުމަށްފަހު ޝަރީފް ވަނީ އެގްޒެކްޓިވް މަގާމުތަކާއި ކޮންސަލްޓެންޓެއްގެ ގޮތުގައި ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރައްވާފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ބީއެމްއެލްގެ ތެރެއިން ވެސް ހިންގާފައި ވާއިރު، ޝަރީފް އޭރު ހުންނެވީ ސީއީއޯގެ ދަށުން ބޭންކް ހިންގުމުގެ ކަންކަން ދުވަހުން ދުވަހަށް ބަލަހައްޓަވާ އެންމެ އިސް އެއް ބޭފުޅާގެ ގޮތުގަ އެވެ.

އޭގެ ފަހުން މެއި 2022 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ)ގެ މަގާމު ވެސް އޭނާއަށް ދެއްވި އެވެ. ނަމަވެސް ފަހުން އޭނާއަށް އެ މަގާމު ނުދޭން އެ ކުންފުނިން ނިންމި އެވެ.

މި ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ދިވެއްސަކު ގެންނަން ޖެހޭކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކައިފަ އެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމު ހުސްވީ އެ ބޭންކުގެ ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމްކަ މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ.

އޭނާ އިސްތިއުފާ ދެއްވީ މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ބީއެމްއެލް އިން ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓު އުވާލައި ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓު މަހަކަށް 100 ޑޮލަރަށް ކުޑަކުރަން ނިންމައި އެކަން އިއުލާންކުރުމުން އެއީ ބޭންކުން ހިންގި މާލީ ބަޣާވާތެއް ކަމަށް ބުނެ އޭނާ އިސްތިއުފާ ދެއްވަން ބައެއް މިނިސްޓަރުންނާއި އެހެން ބައެއް އިސްވެރިން ގޮވާލުމުންނެވެ.

ބީއެމްއެލް އިން ކާޑު ލިމިޓާ ގުޅޭ ގޮތުން ނިންމި ބޮޑު ނިންމުމާއި އެކަމާ ގުޅުވައި ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ފުލުހުން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ.

ބީއެމްއެލް އިން ބުނީ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓު އުވާލައި ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓު މަހަކަށް 100 ޑޮލަރަށް ކުޑަކުރަން ޖެހުނީ، ބީއެމްއެލްގައި ނެތް ޑޮލަރު ގަންނަން ޖެހި އެ ބޭންކުގެ މާލީ ހާލަތަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރަމުން ދާތީ އެވެ. އެ ނިންމުން ބީއެމްއެލް އިން ބަދަލު ކުރީ ސަރުކާރާއި އެމްއެމްއޭއިން އަންގައިގެންނެވެ.