ކޮޅުވެއްޓިއެއްގައި ކަޅު ހަން ބަހައްޓައިގެން ފެން އުފުލުމަށްފަހު، ވޯޓާ ބަންކަރިންގެ ހިދުމަތް ދޭން އެމްޕީއެލް އިން 200 ޓަނުގެ ބާޖެއް ބަނދެފި އެވެ.

ތިލަފުށީގައި ހުންނަ އެމްޕީއެލްގެ ޑޮކްޔާޑުގައި ބަނދެފައިވާ ބާޖު އިއްޔެ ވަނީ މޫދަށް ބާލައިފަ އެވެ. މި ބާޖު ބޭލުމުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމްގެ އެ ކުންފުނިން ދައުވަތު ދީގެން ބައެއް ނޫސްވެރިން ވެސް ގެންދިޔަ އެވެ.

ވަޖީހު ފޭސްބުކްގައި ވިދާޅުވެފައި ވަނީ ވޯޓާ ބަންކަރިންގެ ޚިދުމަތް އާ ހަރުފަތަކަށް ގެންދެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ ސެޕްޓެމްބަރ މަހު 19 ވަނަ ދުވަހު ފެށި ބަންކަރިންގެ ޚިދުމަތުގައި، ވޯޓާ ބަންކަރިން ޚިދުމަތަށް ފުރަތަމަ ބޭނުން ކޮށްފައި ވަނީ، ކޮޅުވެއްޓިއެއްގައި ކަޅު ހަން ބަހައްޓައިގެން ކަމަށެވެ. އޭގެ ފަހުން ދެމަސް ދުވަސް ނުވަނީސް، މިއަދު މިވަނީ ވޯޓަރ ބަންކަރިންގ އަށް ތައްޔާރު ކުރި “ފެން ބާޖު” ޚިދުމަތަށް ނެރެފައި ކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ.

"މިއީ ތިލަފުށީގައި އޮންނަ އެމްޕީއެލް ގެ ޑޮކުޔާޑުގައި، އެމްޕީއެލް އިން ތައްޔާރު ކުރި ބާޖެއް. މިއީ 200 ޓަނުގެ ފެން ރައްކާ ކުރެވޭ ބާޖެއް،" އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ މީގެ ފަހުން ވޯޓާ ބަންކަރިންއަށް ބޭނުން ކުރެވޭނީ މި ބާޖު ކަމަށެވެ. އަދި މިބާޖުގެ ޚިދުމަތް ފުރިހަމަ ކުރުމަށްޓަކައި ލަސްތަކެއް ނުވެ، ބާޖުގައި ފެން ޕްލާންޓެއް ބަހައްޓައި، ބާޖުގައި ފެން އުފައްދައި ބޭނުން ކުރަން ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން އިގްތިސާދު ބަދަލުކޮށްލާނެ ބުނެ ހއ. ހޯރަފުށީގައި ބޮޑު ރަސްމިއްޔާތެއް ބޭއްވުމަށްފަހު ފެށި ބަންކަރިންގެ ހިދުމަތް މިހާތަނަށް ހޯދީ އެންމެ ބޯޓަކުންނެވެ.