ޕޯޓް ކޮމްޕްލެކްސް ހުރި ބިމުގައި 25 ބުރީގެ އިމާރާތެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނިންމައިފި އެވެ.
މިކަން ހާމަކުރެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ރޭ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެވެ.
މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ ޕޯޓް ކޮމްޕްލެކްސް ހުރި ބިމުގައި 25 ބުރީގެ އިމާރާތެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށާއި އެކަމުގެ މަސައްކަތް އަންނަ އަހަރު ތެރޭގައި ފަށާނެކަމަށެވެ. އެތަން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ލަގްޒަރީ އެޕާޓްމަންޓްތަކާއި ވިޔަފާރީގެ ފުރުސަތުތައް ފަހިވާނެ ގޮތަކަށްކަމަށް ވިދާޅުވި އެވެ. އަދި އެ އިމާރާތް ތަރައްޤީކުރާނީ ޕާކު ކުރެވޭނެ ޖާގަތަކާއެކު ކަމަށާއި އެކި ފަންގިފިލާތައް ޕާކިންނަށް ހާއްސަ ކުރާނެކަންވެސް ވަޖީހު ވިދާޅުވި އެވެ.
އެމްޕީއެލްގެ ސީއީއޯ ވަނީ އަންނަ އަހަރު އެކުންފުނިން އިސްކަން ދީގެން ކުރުމަށް ނިންމާފައިވާ އިތުރު ކަންކަމުގެ މަޢުލޫމާތުވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ވިޔަފާރި ބަނދަރުތައް ތަރައްޤީކުރުމަށްޓަކައި މަސައްކަތްވެސް އަންނައަހަރު ކުރައްވާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަންނަ އަހަރުތެރޭގައި ކުރާނެކަމަށާއި ލ އަތޮޅުގައި މެރިޓައިމްގެ ހަރަކާތްތަކެއް ފަށާނެކަމަށްވެސް ވަޖީހު ވިދާޅުވި އެވެ. އަދި އައްޑޫއާއި ކުދުދުއްފުށީ ސިޓީގެ ޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.