ފަސޭހަކަމާއެކު ޑޮލަރު މާރުކުރެވޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިންޓަނެޓް ބޭންކިން އަޕްގްރޭޑްކޮށްފި އެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ބޭންކިން ހިދުމަތް ދޭ އެމްއައިބީ އިން ބުނީ ދާދި ފަހުން ސަރުކާރުން ތައާރަފްކުރި ޑޮލަރު މާރުކުރުމުގެ އުސޫލާއެކު ބައެއް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ޖެހިފައިވާއިރު، ލުއި ފަސޭހަކަމާއި ރައްކާތެރިކަމާއެކު ޑޮލަރު މާރުކުރެވޭނެ ގޮތެއްގެ ބޭނުން ޖެހިފައިވާ ދަނޑިވަޅެއްގައި އެމްއައިބީއިން ތައާރަފްކުރި މި ހިދުމަތާއެކު ގިނަ ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

"މި ހިދުމަތުގެ އެންމެ މުހިންމު އެއްސިފައަކީ ރައްކާތެރިކަން. މި ހިދުމަތް ވިޔަފާރިތަކަށް ވެސް އަދި އަމިއްލަ ފަރުދުންނަށް ވެސް ލިބޭނެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް މި ޕޯޓަލްއަށް ވަދެ އެމްއެމްއޭއިން ލާޒިމްކުރާ މައުލޫމާތު ފުރުމަށްފަހު ޑޮލަރު މާރު ކުރުމުން ވަގުތުން އެ ފަރާތެއްގެ ރުފިޔާ އެކައުންޓަށް ރުފިޔާ ޖަމާވާނެ،" އެމްއައިބީ އިން ބުންޏެވެ.

އެމްއައިބީގެ އިންޓަނެޓް ބޭންކިން ފައިސާނެޓަކީ ބޭނުންކޮށްލަން ފަސޭހަ ރައްކާތެރި ހިދުމަތެކެވެ. ޓޫ ފެކްޓާ އޯތެންޓިކޭޝަން ބޭނުން ކުރެވޭ މި ހިދުމަތަކީ ޑާކް މޯޑްވެސް އެކުލެވޭ ބޭނުން ކޮއްލަން ފަސޭހަ ހިދުމަތެކެވެ. ފަވަރައާއެކު މި ހިދުމަތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވާއިރު، ފައިސާނެޓުން މިހާރު ވަނީ ބޭންކަށް ލިސްޓު ފޮނުވައިގެން މުސާރަ ޖާމާކުރުމުގެ ބަދަލުގައި 24 ގަޑިއިރު އަމިއްލައަށް ސެލެރީ ކޯޑުގައި ވަގުތުން މުސާރަ ޖަމާކުރެވޭ ބަލްކް ޓްރާންސްފާގެ ހިތުމަތް ވެސް އެ ބޭންކުން ތައާރަފްކޮށްފައިވެ އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި ފުލީ ފްލެޖް އިސްލާމިކް ބޭންކުން ދަނީ ޓެކްނޮލޮޖީގެ އެހީގައި ރައްކާތެރި ގިނަ ހިދުމަތްތަކެއް ދެމުންނެވެ. އެގޮތުން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވޭ ރާއްޖޭގެ ހަމައެކަނި ބޭންކަކީ އެމްއައިބީއެވެ. ވަގުތުން ކާޑު ލިބޭއިރު މައުލޫމާތު އަޕްޑޭޓްކުރުމާއި ފައިނޭންސިންއަށް ވެސް އޮންލައިންކޮށް އެދެވެ އެވެ.