މިދިޔަ މާޗު މަހު ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ބަލައިގަނެފައިވާ ޖުމްލަ އާމްދަނީ 3.38 ބިލިއަން ރުފިޔާއަށް އަރައިފި އެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 5.11 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، މާޗު 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 26.2 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން ބުނިގޮތުގައި، މާޗު 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މާޗު 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ފެބުރުއަރީ މަހުގެ ޓެކުހުގެ ސުންގަޑިތައް ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން، މާޗު މަހުގެ ތިންވަނަ ދުވަހަށް މުއްދަތު އިތުރުކޮށްފައިވުމެވެ.

މީގެ އިތުރުން، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރު ކުރުމުގެ ފީ ގެ އާމްދަނީ މި މުއްދަތުގައި ބަލައިގަނެފައިވުމަކީވެސް މި މުއްދަތުގެ ޖުމުލަ އާމްދަނީ އިތުރުވި ސަބަބެކެވެ. ފެބުރުއަރީ 2024 އާ އަޅައިބަލާއިރު ފެބުރުވަރީ 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 1.5 ޕަސެންޓް ދަށްވެފައިވުމުގެ ސަބަބުން، ޓޫރިޒަމް ދާއިރާގެ އާމްދަނީ ވަނީ ދަށްވެފައެވެ. ޓޫރިޒަމާ ގުޅޭ އާމްދަނީތައް ދަށްވިކަމުގައިވިޔަސް ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރު ކުރުމުގެ ފީ ބަލައިގަނެފައިވާތީ މި މަހުގެ އާމްދަނީ ވަނީ އިތުރުވެފަ އެވެ.

މާޗު 2025 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ 26.2 ޕަސެންޓް އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ، ފެބުރުއަރީ 2025 ގެ ސުންގަޑި މާޗުމަހަށް ބަދަލުވުމާ ގުޅިގެން، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރު ކުރުމުގެ ފީގެ އާމްދަނީ މި މުއްދަތުގައި ލިބިފައިވުމެވެ. މީގެ އިތުރުން، ޖެނުއަރީ 2025 ގައި ލިބިފައިވާ އާމްދަނީގެ 6.9 ޕަސެންޓަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާކަމުން، މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ އެއްސަބަބެވެ.

މާޗު 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 57.0 ޕަސެންޓް ނުވަތަ 1.93 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްއިންނެވެ. އެއީ 11.4 ޕަސެންޓް ނުވަތަ 384.3 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 270 މިލިއަން ރުފިޔާ (8.0 ޕަސެންޓް)، އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 180 މިލިއަން ރުފިޔާ (5.3 ޕަސެންޓް)، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 162.3 މިލިއަން ރުފިޔާ (4.8 ޕަސެންޓް) އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 157 މިލިއަން ރުފިޔާ (4.6 ޕަސެންޓް) ލިބިފައި ވެއެވެ.

މާޗު 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 174.23 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.