މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމަށް މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރު އައްޔަނުކޮށްފި އެވެ.
އޭނާ އެ މަގާމަށް އައްޔަންކުރީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
އޭނާ އެ މަގާމަށް ހަމަޖެއްސީ ކުންފުނި ހިންގުމުގައި ބަދަލުތައް ގެނައުމާ ގުޅޭގޮތުން ލަފާ ދިނުމަށެވެ.
އޭނާ ވަނީ މިފްކޯގެ އެމްޑީގެ މަގާމުގެ އިތުރުން ވެސް އެ ކުންފުނީގެ އެހެން ބައެއް މަގާމްތައް ފުރުއްވާފަ އެވެ. އެގޮތުން ސޭލްސް އެންޑް މާކެޓިން މެނޭޖަރުގެ މަގާމާއި ޑެޕިއުޓީ ސީއީއޯގެ މަގާމާއި ސީއީއޯގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.
އާތިފަކީ ރާއްޖޭގެ އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރެކެވެ.
މިދިޔަ އަހަރު މިފްކޯގެ ސީއީއޯގެ މަގާމަށް އާތިފް ކުރިމަތިލެއްވި އެވެ. ނަމަވެސް ޕީސީބީން ނިންމީ ޝަރުތުހަމަވާ ބޭފުޅަކު ކުރިމަތިނުލައްވާ ކަމަށެވެ.
މިފްކޯގެ ސީއީއޯ ކަމުގައި މިހާރު ހުންނެވީ ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރެވެ. ފަރުހަތު އެ މަގާމަށް އައްޔަން ކުރީ އެ ކުންފުނީގެ ސީއީއޯ ކަމުން ޑރ. ވިޓާލީ ލުބިމޯވް ވަކިކުރެއްވުމަށްފަހު އެވެ.
ޑރ. ވިޓާލީ ދާދިފަހުން ވިދާޅުވެފައި ވަނީ މިފްކޯގެ ހިންގުމަށް ސަރުކާރުން ސިޔާސީ ނުފޫޒުފޯރުވާ ކަމަށެވެ.