މިިދިޔަ މޭ މަހު ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ 7.3 ޕަސެންޓް އިތުރުވެއްޖެ އެވެ.
މީރާއިން ބުނީ ލަފާކުރިވަރަށް ވުރެ އާމްދަނީ އިތުރުވި މައިގަނޑު އެއް ސަބަބަކީ ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އަންދާޒާއަށްވުރެ އިތުރުވުމާއެކު، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ބަލައިގަތް އާމްދަނީ އިތުރުވުން ކަމަށެވެ.
މިދިޔަ މޭ މަހު މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 2.18 ބިލިއަން ރުފިޔާއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 30.5 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، މޭ 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 7.3 ޕަސެންޓް އިތުރު އަދަދެކެވެ.
މީގެ އިތުރުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި ޑިސެންބަރު 2024 އިން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމާ ގުޅިގެން، މޭ 2025 ގެ އާމްދަނީ މޭ 2024 ގެ އާމްދަނީއަށްވުރެ އިތުރުވެފައިވާ ކަމަށް ވެސް މީރާ އިން ބުންޏެވެ.
މީގެ އިތުރުން، މޭ މަހުގެ ތެރޭގައި، ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރާ ބިންތަކުގެ ކޮންސްޓަރަކްޝަން މުއްދަތު އިތުރުކުރުމަށްޓަކައި ބައެއް ޓެކްސް ދައްކާ ފަރާތްތަކުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީ ދައްކާފައިވާތީ، އަންދާޒާކުރި ޖުމުލަ އާމްދަނީއަށްވުރެ ބަލައިގަތް އާމްދަނީ ވަނީ އިތުރުވެފަ އެވެ. މި ފީއަކީ ޓެކްސް ދައްކާ ފަރާތްތަކުން ކޮންސްޓަރަކްޝަންކުރުމުގެ މުއްދަތު އިތުރުކުރުމަށް ދައްކާ ފީއަކަށް ވާތީ، މި ފީ އަކީ އަންދާޒާކުރާ އާމްދަނީއަކަށް ނުވެފައި، މި ފީ ބަލައިގަނެފައިވާތީ، ބަލައިގަތް އާމްދަނީވަނީ އިތުރުވެފައި ކަމަށް މީރާ އިން ބުންޏެވެ.
މީރާ އިން ބުނީ މޭ 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ ކަމަށެވެ. އެއީ 62.5 ޕަސެންޓް ނުވަތަ 1.36 ބިލިއަން ރުފިޔާ ކަމަށް މީރާ އިން ބުންޏެވެ.
ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ 9.4 ޕަސެންޓް ނުވަތަ 204.9 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 167.5 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 165.1 މިލިއަން ރުފިޔާ، އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 133.3 މިލިއަން ރުފިޔާ އަދި ވޯކް ޕާމިޓް ފީ ގެ ގޮތުގައި 63.9 މިލިއަން ރުފިޔާބަލައިގަނެފައިވެ އެވެ.
މޭ 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 104.74 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.