ބީއެމްއެލުގެ ކާޑުތަކުން ބޭރުން ކުރާ ވިޔަފާރިތަކަށް މަހަކު 45 މިލިއަނަށް ވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް މިހާރު ހަމަޖައްސަމުން އަންނަ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ ކަސްޓަމަރުން ކުރާ ބޭރުގެ ވިޔަފާރިތަކަށް ސަޕޯޓުގެ ގޮތުގައި މިހާރު ވެސް ކޮންމެ މަހަކު އެ ބޭންކުން 45 މިލިއަން ޑޮލަރު ދޫކުރާ ކަމަށެވެ. އޭގެ ތެރެއިން 75 ޕަސެންޓަކީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިގެ ޓްރާންސެކްޝަންތައް ކަމަށް އެ ބޭންކުން ބުންޏެވެ.

އެއީ ދިވެހި ރުފިޔާއިން ބަލާނަމަ، އޮންލައިންކޮށް ވިޔަފާރިކުރަން ގާތްގަނޑަކަށް ދުވަލަކަށް 17.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.

އެ 75 ޕަސެންޓުގެ ތިންބައި ކުޅަ އެއްބައި ހޭދަކުރަނީ އެ ބޭންކުން މިއަދު އިއުލާނުކުރި ހަ މާޗެންޓަށް ކަމަށެވެ. އެއީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ.

ދިވެހިންގެ މެދުގައި މިހާރު މަގުބޫލު ޗައިނާގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމް "ޓީމޫ" އިން ވިޔަފާރިކުރަން އެކަނިވެސް މަހަކު ހަތް މިލިއަން ޑޮލަރު މިހާރު ދޫކުރަން ޖެހޭ ކަމަށާއި އެ ޕްލެޓްފޯމުން ގެންނަ ގިނަ އެއްޗެހި ބޭނުންކުރަނީ ވެސް ވިޔަފާރިގެ ބޭނުމަށް ކަމަށް ބުންޏެވެ.

"މިއަދު މި ބަދަލުތައް ގެނެވުނީ މުޅި މުޖުތަމައުގެ ބޭނުންތައް ހަމަހަމަ އުސޫލަކުން އިންތިޒާމުކުރުމަށް އިސްކަންދިނުމުގެ ގޮތުން،" ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ދުކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ ލިމިޓް އަންނަ މަހުގެ އެކަކުން ފެށިގެން މަހަކަށް 500 ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ.