ބީއެމްއެލް އިސްލާމިކްގެ ބްރާންޗެއް ރ. ދުވާފަރުގައި މިއަދު ހުޅުވައިފި އެވެ.

މިއަދު ދުވާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބްރާންޗު ރަސްމީކޮށް ހުޅުއްވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޓިން އޮފިސަރު ސަހާ ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ.

ދުވާފަރުގައި ހުޅުވި އާ ބްރާންޗުން ހިދުމަތް ދޭނީ 'އިސްލާމިކް ފައިނޭންސް ފަސްޓް' ސިޔާސަތުގެ ދަށުން އިސްލާމިކް ބޭންކިން ހިދުމަތްތަކަށް އިސްކަންދީގެން ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މިއީ މިހާތަނަށް ހުޅުވި އެ ބޭންކުގެ 40 ވަނަ ބްރާންޗެވެ. 1982 ވަނަ އަހަރު ބީއެމްއެލްގެ ފުރަތަމަ ބްރާންޗު ހުޅުވީ މާލޭގަ އެވެ.

"ބޭންކުގެ ހިދުމަތް ލިބޭ ތަންތަން އިތުރުކުރުމާ އެކު، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ޗެނަލްތަކާއި ޕާޓްނަޝިޕްތައް އިތުރަށް ކުރިއެރުވުމަށް ބޭންކުން މަސައްކަތްކުރަމުން ދާނެ އެވެ،" ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.

ބީއެމްއެލްގެ 133 ސެލްފް ސާވިސް ބޭންކިން ސެންޓަރު ހުންނައިރު، 188 އޭޓީއެމް ހުރެ އެވެ. އަދި ފުޅާ ދާއިރާއެއްގައި އޭޖެންޓް ބޭންކިން ހިދުމަތާއި ޒަމާނީ ޑިޖިޓަލް ބޭންކިން ހިދުމަތް އެ ބޭންކުން ދެ އެވެ.