ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދަވާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގައި އޮންނަ ސަރުކާރުގެ ހިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކައިލެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމީ، އެސްޑީއެފްސީގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފައުޅުކޮށް ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން، މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާމެދު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ހުށަހަޅާފައިވާ ދިރާސާ ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނުދޫކުރެއްވުމަކީ ހުއްޓުމެއްނެތި އަބަދުވެސް ކުރިއަށް ގެންދެވުމަށް ސަރުކާރުން ބޭނުންވާ ކަމަކަށް ވާތީ، އެސްޑީއެފްސީގެ ހިއްސާ ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލުމުން، އެ ބޭންކުގެ މާލީ ގާބިލްކަމުގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއްނެތި އަބަދުވެސް ލޯނު ލިބެމުން ދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެސްޑީއެފްސީ ގަތުމަށްފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން، އަދި 5 އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހުށަހަޅާފަ އެވެ. އަދި ބިޒްނަސް ސްޓާޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް ވަނީ ނިންމާފަ އެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އެސްޑީއެފްސީ ގަތުމަށްފަހު، އެސްޑީއެފްސީ ހިންގާނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައެވެ. އަދި ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގެ ނިޒާމުގެ ތެރެއިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ބޭންކް އޮފް މޯލްޑިވްސްގެ ދަށުން ހިނގަމުންދާއިރުވެސް، އެސްޑީއެފްސީއިން ކުދި އަދި މެދުފަންތީގެ ލޯންތައް ދޫކުރަމުން ދާނީ މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށް ވުރެ ބޮޑުނުވާ ގޮތަށް ކަމަށެވެ. އަދި މާލީ މުއާމަލާތްތައް ބައްޓަން ކުރަމުންދާނީ، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، ވިޔަފާރިތަކުގެ މާލީ ގާބިލުކަމާއި ތިޔާގިކަން އިތުރުކުރެވޭނެ ގޮތަށެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ މި ނިންމުމާ އެއްގޮތަށް ކަންކަން ހަމަޖެހިގެން ދިއުމުން، ބޭންކް އޮފް މޯލްޑިވްސްގެ ނެޓްވޯކް މެދުވެރިކޮށް މުޅިރާއްޖެއަށް އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގެ ޚިދުމަތް ފުޅާވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެސްޑީއެފްސީގެ ސިސްޓަމްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓްކުރުމުން، މެނުއަލް މަސައްކަތްތައް މަދުވެ، ލޯންތައް ޕްރޮސެސްކުރުން އަވަސްވެ، މުޅި އެސްޑީއެފްސީގެ އެފިޝަންސީ ރަނގަޅުވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ޕަބްލިކް ކުންފުންޏަކަށް ވާތީ، އެ ކުންފުނީގެ ބެލެނިވެރިކަމާއެކު އެސްޑީއެފްސީގެ ގަވަރނަންސްވެސް ހަރުދަނާވެ، ރޭވުމާއި، ހިންގުމާއި، ޚިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތައްވެސް ހަރުދަނާ ވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.