މާލޭ ވިޔަފާރިބަނދަރުގައި އޮތް ބޯޓުތަކުން 4720 ބަސްތާ ފިޔާ ބާލާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، (އެމްޕީއެލް) އިން ބުނެފިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ބޯޓުތަކުން ފިޔާ ބޭލުން ލަސްވުމުގެ ސަބަބުން ބާޒާރުމަތީ ގިނަ ފިހާރަތަކުން ވަނީ ފިޔާ ހުސްވެފަ އެވެ. މިވަގުތު ފިޔާ ހުރި ފިހާރަތަކުން ވެސް ފިޔާ ވިއްކަނީ ނު އަގުގަ އެވެ. އެގޮތުން ބައެއް ފިހާރަތަކުން ކިލޯއެއް މިހާރު އުޅެނީ 70 އިން މަތީގަ އެވެ.

ބާޒާރުގައި ފިޔާލިބުން ދަތިވެ، ފިޔާގެ އަގު އުފުލިފައިވަނިކޮށް އެމްޕީއެލުން މިއަދު ބުނީ އަންގާރަ ދުވަހުން ފެށިގެން މިހާތަނަށް 4720 ބަސްތާގެ ފިޔާ ބޯޓުތަކުން ބާލައި ގުދަނަށް ގެންގޮށްފައިވާކަމަށެވެ.

އެގޮތުން ވިޔަފާރި ބަނދަރުގައި އޮތް ތިން ބޯޓަކުން ކޮންމެހެން ބޭނުންވާ މުދާ ބޭލިއިރު އޭގެ ތެރޭގައި ފިޔާ ހިމެނޭކަން އެމްޕީއެލުން ފާހަގަކުރި އެވެ. އެމްޕީއެލް އިން ބުނީ މޫސުން ތަންދޭ ވަރަކުން ބޯޓުން މުދާ ބޭލުމުގެ ކަންކަން ކުރިއަށްގެންދާކަމަށެވެ.

ބޯޓުތަކުން ގިނަ އަދަދަކަށް ފިޔާ ބާލާފގައިވާއިރު، ބާޒާރުމަތީ ފިހާރަތަކުން ބުނީ މެންދުރުފަހުން ފިޔާ ލިބޭނޭކަމުގެ އުއްމީދުބޮޑުކަމަށެވެ.