ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. ނޮޅިވަރަންފަރުގައި އާ ބްރާންޗެއް މިއަދު ހުޅުވައިފި އެވެ.

މި ބްރާންޗުގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ވެސް ގާއިމުކޮށްފައިވެ އެވެ.

ބްރާންޗް ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ސީއީއޯ ޝަރީފް ވިދާޅުވީ ބޭންކުގެ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން އިސްލާމިކް ބޭންކިން ޚިދުމަތްތަކަށް އިސްކަންދީގެން އާންމު ފަރުދުންނާއި ވިޔަފާރިތަކުން ބޭނުންވާ ފަދަ ޚިދުމަތް ދޭނެ ބްރާންޗެއް ނޮޅިވަރަންފަރުގައި ހުޅުވުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ބޭންކިން ޚިދުމަތަށް ފަސޭހައިން ވާސިލުވެވޭނެ އިންތިޒާމުތައް ހަމަޖައްސައިދީ، އަޅުގަނޑުމެން މި ދަނީ މުޖުތަމައުތަކަށް ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުން ގެންނަމުން،" އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 151 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 209 އޭޓީއެމް އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.