މިއަހަރުގެ މިހާތަނަށް ވިޔަފާރިތަކަށް ދޫކުރި ޑޮލަރުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު، އިތުރުވެފައިވާކަން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ބީއެމްއެލްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް ވިޔަފާރިތަކަށް ވިއްކީ 69 މިލިޔަން ޑޮލަރެވެ. މިއީ ޑޮލަރަށް އެދި ވިޔަފާރިތަކުން ހުށަހެޅި މިންވަރުގެ ފަސް ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ މިންވަރެކެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ޑޮލަރު ވިއްކި އަދަދު 73 މިލިޔަން ޑޮލަރަށް ވަނީ އިތުރުވެފަ އެވެ.

ބޭންކުތަކަށް ޑޮލަރު މާރުކުރުން ލާޒިމްކުރާ ބޭރުފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. މި ގާނޫނާއެކު ޑޮލަރުގެ ރިޒާވް އިތުރުވެ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ އާމްދަނީ ވަނީ އިތުރުވެފަ އެވެ.