މިދިޔަ އޮގަސްޓު މަހު މީރާ މެދުވެރިކޮށް ދައުލަތަށް 2.12 ބިލިއަން ރުފިޔާގެ އާމްދަނިއެއް ލިބިއްޖެ އެވެ.

މީރާއިން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮގަސްޓު މަހު އެ އިދާރާއިން ބަލައިގަނެފައިވާ އާމްދަނީގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 6.9 ޕަސެންޓް އިތުރުވެފަ އެވެ. އަދި މިއީ އޮގަސްޓު މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީއަށްވުރެ 3.1 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު މިއަހަރު އެ އިދާރާއަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް، ނުވަތަ ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓްމަހު އިތުރު ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ އިތުރުވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހު އައި ފަތުރުވެރިންގެ އަދަދު 11.5 ޕަސެންޓް އިތުރުވެފައިވާތީ އެވެ. އަދި މިއަހަރުގެ ޖެނުއަރީން ފެށިގެން ގްރީން ޓެކްސް ބޮޑުވުމާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުވުމަކީވެސް މިއަހަރުގެ އާމްދަނީ އިތުރުވި ސަބަބެކެވެ.

މީރާއިން ބުނިގޮތުގައި ނިމުނު އޮގަސްޓު މަހު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް ލިބުނީ ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު ޓީޖީއެސްޓީ އާއި ގްރީންޓެކްސް އާމްދަނީ އިތުރުވުމެވެ. އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް މިދިޔަ މަހު އިތުރުވެފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މީގެ އިތުރުން މިދިޔަ މަހު ލިބުނު އާމްދަނީގެ 22.9 ޕަސެންޓަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދެއްކި ފައިސާ ކަމަށާއި ނުވަ ޕަސެންޓަކީ މީރާއަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ލިބުނު ފައިސާ ކަމަށް ވެސް މީރާއިން ބުންޏެވެ.

މިއަހަރުގެ އޮގަސްޓު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެގޮތުން، ޖީއެސްޓީގެ ގޮތުގައި 1.16 ބިލިޔަން ރުފިޔާގެ އާމްދަނީއެއް މިދިޔަ މަހު ވަނީ ލިބިފަ އެވެ.

މީގެ އިތުރުން އާމްދަނީން ނަގާ ޓެކުހުން 240.6 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު ގްރީން ޓެކްސްގެ ގޮތުގައި 191.2 މިލިޔަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 165 މިލިޔަން ރުފިޔާ، ޑިޕާޗާ ޓެކްސްގެ ގޮތުގައި 162.5 މިލިޔަން ރުފިޔާ އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި 63.6 މިލިޔަން ރުފިޔާގެ އާމްދަނީއެއް މީރާއިން ވަނީ ބަލަައިގެންފަ އެވެ.

މީރާއިން މިދިޔަ އޮގަސްޓް މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 89.04 މިލިޔަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް އެ އިދާރާއިން ބުންޏެވެ.