ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނަށް ޢަމަލުކުރުމުގައި ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދީފައިވާ އިސްތިސްނާގެ މުއްދަތު އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށައަޅައިފި އެވެ.
އެ މިނިސްޓްރީން އެދިފައިވަނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް ޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓު ނުވަތަ އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އެއް އަހަރަށް އިތުރު ކޮށްދިނުމަށެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ރައްޔިތުން މަޖިލީހަށް ފޮނުވި ސިޓީގައި ދައުލަތުގެ ޚަރަދަށް ޒިންމާވާ ގާނޫނުގެ ހ، އަދި ރ، އާއި ބ. ސަސްޕެންޑް ކުރުމަށް ދީފައިވާ މުއްދަތު އިތުރު ކޮށްދޭން އެދިފައިވެއެވެ. ކޯވިޑް 19އާ ގުޅިގެން މިދިޔަ އަހަރުގެ އެޕްރީލް އެއްވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހަށް މި ތިން މާއްދާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
ފިނޭންސް މިނިސްޓަރު ފޮނުއްވި ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ ވޭތުވެދިޔަ އެއް އަހަރަކު ތެރޭގައި ދައުލަތުގެ ޚަރަދަށް ޒިންމާވާ ގާނޫނުގެ ތިން މާއްދާ ސަސްޕެންޑު ކުރުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި، ޚިދުމަތަށް ބުރޫ އެރިއަނުދީ ހިފެހެއްޓުނު ކަމަށެވެ. މީގެ އިތުރުން އިގްތިސާދީ ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު ވިޔަފާރިތަކާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ކޮވިޑް-19ގެ ސަބަބުން ކުރަން ޖެހުނު ސިއްހީ ހޭދަ އަށް ފަސޭހަ ވެގެން ދިޔަ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް މި އިސްތިސްނާ އަށް އެއް އަހަރު ވާން ކައިރިވެފައިވީ ނަމަވެސް، އިގްތިސާދު ފުން ވަޅުގަނޑުން އަރައި ގެނެވިފައިނުވާ ނުވާ ކަމަށް އަމީރު ވިދާޅުވެފައިވެ އެވެ.
އަދިވެސް، ކޯވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ކަމަށާއި، މިގޮތުން 2020 ވަނަ އަހަރުގެ ހަތަރު ކުއާޓަރުގައި ވެސް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަނީ އޭގެ ކުރީ އަހަރުގެ އެ ކުއާޓަރުތަކާ އަޅާބަލާއިރު ދަށްވެފައި ކަމަށެވެ.
ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 38 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން، އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، (ކ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުން 26 އޭޕްރީލް 2020 އިން ފެށިގެން އެއް އަހަރު ދުވަހަށް އިސްތިސްނާކުރުމުގެ ހުއްދަދީފަ އެވެ. މި މާއްދާތަކަށް އަމަލުކުރުން ފަސްކުރުމުން ވަކި މުއްދަތެއް ނެތް ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނެ އެވެ. އިގްތިސާދީ ބައެއް މާހިރުން ދެކޭ ގޮތުގައި މިއީ ފައިސާ ޗާޕުކުރުމެވެ. މިކަމުގެ ސަބަބުން އިންފްލޭޝަން މަތިވެ، އިގްތިސާދަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ އެވެ.