ނެޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ (ވަރަ އެކްސްޕޯ 2025) މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށައިފި އެވެ.
މި އަހަރުގެ އެކްސްޕޯ އަންނަ ހޮނިހިރު ދުވަހުގެ ރޭ 10:00އާ ހަމައަށް ކުރިއަށްދާނެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯގެ މަގްސަދަކީ، ވަޒީފާގެ ފުރުސަތުތަކާއި ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް އެއްތަނަކުން ހޯދުމުގެ މަގު ފަހިކޮށްދީ، ދިވެހި ޒުވާނުން ބާރުވެރިކުރުމެވެ.
މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރުގެ ހައިސިއްޔަތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިންޓަރެކްޓިވް ހަރަކާތްތައް ހިމެނޭ ހާއްސަ ސްޓޯލެއް ގާއިމުކޮށްފަ އެވެ. އެގޮތުން މި ސްޓޯލުން ބޭންކުގެ އިންޓާންޝިޕް ޕްރޮގްރާމާއި ސްކޮލަޝިޕްގެ ފުރުސަތުތަކާއި ދަރިވަރުންނާއި ޒުވާން ޕްރޮފެޝަނަލުންނަށް ހުޅުވާލާފައިވާ އިންޑަސްޓްރިއަލް ޕްލޭސްމަންޓްތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކުރާނެ އެވެ.
ވަޒީފާ ހޯދާ ފަރާތްތަކަށް ބޭނުންވާ ކެރިއާ ގައިޑެންސް އާއި ޖޮބް ކޯޗިން ވެސް ބޭންކުގެ ތަޖުރިބާކާރުން ފޯރުކޮށްދޭނެ އެވެ.
މިދިޔަ އަހަރުގެ އެކްސްޕޯއަށް ބޮޑު ތަރުހީބެއް ލިބި، 10،000އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި އެވެ.

