ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް އިން މި ބޭންކުގެ ބޯޑުގެ ހުއްދައާއި ނުލައި އަދި ލޯނުދިނުމުގެ އުސޫލާ ހިލާފަށް ފައިސާ ދޫކުރަމުންދާކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި އެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބޭންކުގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތްކުރަނީ ފުރިހަމަ ޕްރޫޑެންސްއާއި މިނިވަންކަމާއެކުގައި ކަމަށެވެ. މިކަން ބޭންކުން ހިފަހައްޓަމުންދާ ކޯޕަރޭޓް ގަވާނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކުން ހާމަވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
" ބޭންކުން ހިފަހައްޓަމުންދަނީ ބައިނަލްއަގުވާމީ ބޭންކިންގ ދާއިރާގެ އެންމެ ހަރުދަނާ މިންގަނޑުތަކެވެ. އެގޮތުން ބޭންކުގެ އޮނިގަނޑުތައް ގާއިމުކުރެވިފައި ވަނީ ރާއްޖޭގެ ބޭންކިންގ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، އެމްއެމްއޭ އިން ކަނޑައަޅުއްވާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑަރޑް ތަކުގެ އިތުރުން ބާސެލް III އަދި IFRS 9 ފަދަ ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑާޑްތަކަށެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ އޮޑިޓް ފާމްތައް ދަނީ ގަވައިދުން ބޭންކު އޮޑިޓްކުރަމުންނެވެ. އަދި މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރެވެއެވެ،" ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.
އެ ބޭންކު ހިނގަމުންދަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓެރެޓެޖީގެ މައްޗަށް އަދި ހިންގުމުގެ އެކިދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީ ތަކާ އެއްގޮތަށް ބޯޑުން ނިންމަވާ ނިންމުމާއި ދޭ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ. އެގޮތުން ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީ ތަކާ އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކާ އެގޮތަށް ދޫކުރާ ލޯނުތަކެއް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
"އެގޮތުން ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި، ސިންގަލް ބޮރޯވާ އެކްސްޕޯޝާ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝާ އަށްވެސް ބަލާނެއެވެ. ލޯނު ދިނުމުގެ ކުރިން އެ ލޯން އަނބުރާދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތަށް ލިބިގެންވަނީ ކިހާވަރަކަށްތޯ ވެސް ބޭންކުން އަބަދުވެސް ބަލައެވެ. އަދި ލޯނު ދޭނީ އަންޑާ ރައިޓިން އުސޫލާ އެއްގޮތަށެވެ. މިއީ ކޮންމެ ހާލަތެއްގައިވެސް ބޭންކުން ލޯނު ދޫކުރާނެ އުސޫލެވެ،" އެ ބަޔާނުގައިވެ އެވެ.
ބީއެމްއެލް އިން ބުނީ ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުންކަމަށްވާނަމަ ބޭންކުން މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް އޮންނާނެ ކަމަށެވެ. ވިޔަފާރީގެ އުސޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބަލާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
މީގެ އިތުރުން އެކި ދާއިރާތަކަށް ލޯނުދޫކުރެވޭނެ މިންގަޑުތައް ވެސް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ސީދާ ސަރުކާރުގެ ކަންކަމަށް ބޭންކުން އިންވެސްޓްކުރެވޭނެ މިންވަރާއި ސަރުކާރުން ގެރަންޓީދީގެން އެކި ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި ސަރުކާރުން ލިބެންޖެހޭ ރިސީވަބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރު ހިމެނޭ ކަމަށް އެ ބޭންކުން ބުންޏެވެ.
"ބޭންކުގެ އުސޫލުތަކާއި ހަމަތައް އެކުލަވާލާފައިވާ ގޮތުން ވަކި މުވައްޒަފަކަށް ލޯނާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރެއް ނޯވެއެވެ. އެކަން މިހާރު ހިނގަމުން ދަނީވެސް އަދި ކުރިޔަށް އޮތްތާގައި ހިނގަމުންދާނީވެސް ކުރިން ބަޔާންކުރި ފަދައިން ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ޕޮލިސީތަކާއި ބޭންކުގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިންނެވެ،" ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.
މިއަހަރުގެ ތިންވަނަ ކުއާޓާ ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި މި އަހަރުތެރޭ އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުށްފައިވެއެވެ. މިހާތަނަށް ބޭންކުން އެކި ދާއިރާތަކުން ދޫކޮށްފައިވާ ލޯންތަކުގައި ސެޕްޓެމްބަރު 2025 ގެ ނިޔަލަށް ހުރި ޖުމްލަ އަދަދުތަކަކީ:
• ޓުއަރިޒަމް – 8.71 ބިލިއަން ރުފިޔާ
• އަމިއްލަ ފަރުދުންނަށް – 5.34 ބިލިއަން ރުފިޔާ
• މާރާތްކުރުމަށާއި ގެދޮރުވެރިކަމަށް – 5.09 ބިލިއަން ރުފިޔާ
• ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް – 2.40 ބިލިއަން ރުފިޔާ
• ވިޔަފާރިތަކަށް – 1.04 ބިލިއަން ރުފިޔާ
• އެހެނިހެން ދާއިރާތައް – 1.11 ބިލިއަން ރުފިޔާ
މިއަދަދުތަކުން ހާމަވާ ގޮތުގައި ބޭންކުން ދަނީ އެކި ދާއިރާތަކަށް ބޭންކުގެ ރިސްކްތްރެޝްހޯލްޑް މިންގަނޑުގެ ތެރެއިން ލޯނު ދޫކުރަމުން ކަމަށް ވެސް އެ ބޭންކުން ބުންޏެވެ
"ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ތަރައްގީއާއި މުޖުތަމައުގެ ކުރިއެރުމަށް ބޮޑު އިންވެސްޓްމެންޓެއް ކުރާ ބޭންކަކަށް ވީހިނދު، ގައުމީ ތަރައްގީގައި ގައުމީ ބޭންކުގެ ހިއްސާ ވަރަށް ބޮޑެވެ. އެހެނަސް މި ބޭންކުން އަމަލުކުރަމުންދާނީ ބޭންކުގެ ޑިޕޮސިޓަރުންނާއި ހިއްސާދާރުންނާއި އެހެނިހެން ސްޓޭކްހޯލްޑަރުންގެ ހައްގުތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމުގެ ގޮތުން ގާއިމުކުރެވިފައިވާ ހަރުދަނާ ގަވަރނަންސް އުސޫލުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށެވެ،" އެ ބަޔާނުގައިވެ އެވެ.
އެހެންކަމުން ބޭންކާ ގުޅޭ ގޮތުން އާންމުންނަށް ހަގީގަތް އޮޅޭފަދަ ގޮތަކަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރަމެވެ. އަދި ކަމުގެ މައުލޫމާތު ރަނގަޅަށް ނުހޯދައި، ބައެއް ފަރާތްތަކުން ވަކި މަގުސަދެއް ހާސިލްކުރުމަށްޓަކައި އެ ބޭންކުގެ ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް އޮޅޭގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ. އަދި އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

