ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހައުސިން ސަބްސިޑަރީ ކުންފުނި މެދުވެރިކޮށް، 3000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް، އެކަމަށް ބޭނުންވާ ބިން ސަރުކާރުން ބީއެމްއެލްއާ ހަވާލުކޮށްފި އެވެ.
މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބްއެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެފޯޑަބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓުގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާމެވެ.
މި ސްކީމްގެ ދަށުން ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއު ހިންގަނީ ވިލިމާލެ އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައެވެ. އެއީ ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ.
މި މަޝްރޫޢު ކުރިއަށްގެންދަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމި، ރައްޔިތުންގެ މެދުގައި ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި، ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއުގެ ދަށުންނެވެ. މިއީ މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ބޯހިޔާވަހިކަމުގެ ޔުނިޓުތައް ތަރައްގީކޮށް، ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓުތައް މިލްކުރެވޭ ނިޒާމެވެ.
އެމްއެމްއޭގެ ގަވާއިދުތަކާ އެއްގޮތަށް، ބީއެމްއެލުން ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ފައިނޭނެސްކޮށް މަޝްރޫއުތައް ހިންގުމަށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ފްރައިވެޓް ލިމިޓެޑްގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދާފަ އެވެ.
ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މި ސްކީމްގައި ރާއްޖޭގެ ހުރިހާ ބޭންކުތަކުން ބައިވެރިވުމަށް ލާޒިމުކުރާއިރު، ގައުމީ ބޭންކުގެ ހައިސިއްޔަތުން މިކަމުގައި ޒިންމާދާރުކަމާއެކު އިސްނަގަންޖެހޭކަން ދެކޭކަމަށެވެ. އެހެންކަމުން މަސައްކަތްތައް ހަލުވިކޮށް، އެމްއެމްއޭގެ ހުއްދައާއެކު މިކަމަށް ހާއްސަ ސަބްސިޑަރީ ކުންފުންޏެއް އުފައްދަން ނިންމީކަމަށް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މި ސްކީމްގައި ކުރިއަށްގެންދާނީ ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނިން ހައުސިން ޔުނިޓް ތަރައްގީކޮށް ކުއްޔަށްދީ، ފައިސާ ހަމަވުމުން އަމިއްލަ ކުރެވޭގޮތަށްކަމަށެވެ.
"މިގޮތަށް ދިނުމުގެ ސަބަބުން ލޭންޑް ކޮސްޓް، ފައިނޭންސް އަދި ޑިވެލޮޕްމަންޓް ކޮސްޓް ވަރަށް ބޮޑަށް ކުޑަވޭ އެބަ. އެހެންވީމަ ކުއްޔަށް ދޫކުރެވޭ އަގުތައްވެސް ވަރަށް ބޮޑަށް ކުޑަކުޑަކުރެވޭނެ. މީގެ ތަފްސީލްތައް ހާމަކުރާނަން." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސަރުކާރުން ބިންދޭގޮތަށް މި މޮޑެލްގައި ސްކީމް ކުރިއަށްގެންދިއުމުން، ބޭންކަށް އަދި ކުއްޔަށް ނަގާ މީހާއަށްވެސް ބޮޑެތި ލުއިތައް ލިބޭނެކަމަށެވެ. އަދި ބީއެމްއެލްއަކީ މަސައްކަތްތައް އަވަހަށް ނިންމާ ނަތީޖާ ނެރޭ ކުންފުންޏެއްކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، މި މަސައްކަތްވެސް ކަނޑައަޅާ ތާވަލަށް އަވަހަށް ކުރިއަށްގެންގޮސް ނިންމާ ރައްޔިތުންނަށް އޭގެ ފުރިހަމަ މަންފާ ހޯދައިދޭނެކަމަށެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި ދޫކުރާ ލޯނުގެ ފައިސާގެ އަދަދުގެ 52 ޕަސެންޓް ހިއްސާކުރާ ކުންފުންޏެވެ.

