ބޮޑުތިލަދުންމަތީގެ 13 ފަޅެއްގައި ޓޫރިސްޓް ރިސޯޓުތައް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
މި ފަޅުތަކުގައި ޓޫރިސްޓް ރިސޯޓުތައް ތަރައްގީކުރުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އާ ހަމައަށެވެ.
ރާއްޖޭގައި ޓޫރިޒަމް މިހާތަނަށް ތަރައްގީ ނުވެ އޮތް ސަރަޙައްދުތަކުގައި ޓޫރިޒަމް ތަރައްގީކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން ރާއްޖޭގެ އުތުރުގެ 3 އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
އުތުރުގައި ޓޫރިޒަމް އިތުރަށް ތަރައްްގީކުރުމުގެ މަގްސަދުގައި ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ޓޫރިޒަމް ތަރައްގީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ބޮޑުތިލަދުންމަތީގެ 13 ފަޅެއްގައި ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފަ އެވެ.
ޓޫރިސްޓް ރިސޯޓުތައް ތަަރައްގީކުރުމަށް ހުޅުވާލާފައިވާ ފަޅުތަކަކީ ހއ. ކެލާގެ 2 ފަޅާއި ހއ. މާދުނީގެ 3 ފަރާއި ހދ. މަކުނުދޫގެ 2 ފަރާއި ހދ. މާފަރުގެ 3 ފަރުގެ އިތުރުން ށ. ގޮނާގެ 3 ފަރެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ފަޅުތަކުން ބިން ހިއްކައިގެން ރިސޯޓުތައް ތަރައްގީކުރެވޭނެ ކަމަށާއި އެގޮތުން ކެލާ ފަޅު (ކެލާ ފަޅު 1: 156.2 ހެކްޓަރު / ކެލާ ފަޅު 2: 169.3 ހެކްޓަރު ) ފިޔަވައި އެހެން ހުރިހާ ފަޅެއްގައި 200 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެން ރިސޯޓްތައް ތަރައްގީ ކުރެވޭނެ ކަމަށެވެ. އަދި ތަރައްގީ ކުރެވޭ ރިސޯޓުގައި މަދުވެގެން 150 އެނދު ހުންނަން ޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން، މި ފަޅުތައް 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ބިން ދޫކުރެވޭތާ 35 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ފަޅުތައް ފަތުރުވެރިކަމަށް ދޫކުރާނީ ވަރަށް ގިނަ ލުއިތަކާއެކު ކަމަަށާއި އެގޮތުން ރިސޯޓު ތަރައްގީކުރުމަށް ގެންނަ ތަކެތީގެ ކެޕިޓަލް އިންވެސްޓްމަންޓްގެ 15 ޕަސެންޓާ ހަމައަށް ޑިއުޓީ މައާފްކޮށްދިނުމުގެ އިތުރުން، ރިސޯޓު ތަރައްގީ ކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސަސް އާއި އިލެކްޓްރޯނިކް އަދި އެހެނިހެން ސާމާނުން ޑިއުޓީ މައާފު ދޭ ކެޓެގަރީއަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަޝްރޫއާ ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް އެ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި 23 ނޮވެންބަރު 2025 ވާ އާދީއްތަ ދުވަހުން ފެށިގެން ފެބުރުވަރީ 2، 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 1:00 އާ ދެމެދު އެ މިނިސްޓްރީގެ ރިސެޕްޝަނުން ބީލަން ފޮތް ލިބޭނެ ކަމަށް އިއުލާނުގައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ބުނީ މި ފަޅުތަކުގައި ރިސޯޓުތައް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ވާޗުއަލް ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ފުރަތަމަ ބައްދަލުވުން ޑިސެމްބަރު މަހުގެ ނުވަ ވަނަ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ބައްދަލުވުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ ހަވަަނަ ދުވަހު އެވެ.


ތިމާވެށި ހަލާކު ކުރާ ސަރުކާރު!!!