އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ފަސް މިލިއަން ޑޮލަރުގެ މުރާބަހާ ފައިނޭންސިން ފެސިލިޓީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގްރޫޕްގެ މެންބަރެއް ކަމަށްވާ ދި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ބޭންކް އޮފް މޯލްޑިވްސް އަށް ދިން ފަސް މިލިއަން ޑޮލަރުގެ މުރާބަހާ ފައިނޭންސިން ފެސިލިޓީ އަކީ ބޭންކުގެ ޕްރައިވެޓް ވިޔަފާރިތަކާއި، ހާއްސަކޮށް ރާޢްޖޭން ބޭރުގެ މާކެޓްތަކުން މުދާ ގެންނަ (ރޯ މެޓީރިއަލް) ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކަށް ދޫކޮށްފައިވާ ފައިނޭންސިން ފެސިލިޓީއެއް ކަމަށެވެ.
އައިޓީއެފްސީ އިން ފުޅާދާއިރާއެއްގައި ޕްރައިވެޓް ސެކްޓަރ އަށް އަމާޒުކޮށް އެހީތެރިވުމަށް އެކި ގައުމުތަކުގެ ލޯކަލް ބޭންކްތައް މެދުވެރިކޮށް ފައިނޭންސް ދޫކުރަމުންދާއިރު، ބޭންކް އޮފް މޯލްޑިވްސް އަކީ އައިޓީއެފްސީ އާ ގުޅިގެން ރާއްޖެއަށް ފައިނޭންސް ހަމަޖައްސައިދޭ ފުރަތަމަ ބޭންކެވެ.
"މި ފައިނޭންސް ހަމަޖެހިގެން މިދަނީ ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔޭގެ ވިޔަފާރިއަށާއި މާލީ ދާއިރާއަށް ބޮޑެތި ލޮޅުންތަކެއް އެރުމުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަދި އޯއިސީގެ މެންބަރު ގައުމުތަކަށްވެސް އިޖްތިމާއީ އަދި އިގްތިސާދީ ހީނަރުކަން ދިމާވެފައިވާ ނާޒުކު ދަނޑިވަޅެއްގައި،" ބީއެމްއެލް އިން ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިގްތިސާދަށް ނުހަނު ބޮޑަށް އަސަރުކޮށްފައިވާއިރު އެ ބޭންކުން އަންނަނީ ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެކި މަސައްކަތްތައްކުރަމުން ކަމަށެވެ.
"މި މަސައްކަތުގެ ތެރެއިން އައިޓީއެފްސީ އާ ގުޅިގެން ވިޔަފާރިތަކަށް ހާއްސަކޮށް ފަސް މިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ އެއް ހަމަޖެހިގެންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި މި ފައިނޭންސް އެހީތެރިވެދެވޭނެ،" އެ ބޭންކުން ބުންޏެވެ.
މުރާބަހާ ފައިނޭންސިންގ ފެސިލިޓީ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އައިޓީއެފްސީގެ ސީއީއޯ އީއެންޖީ. ހާނީ ސަލިމް ސޮންބޮލް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވި، އަދި މުދާ އިމްޕޯޓްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އާ ގުޅިގެން މިފައިނޭންސް ތައާރަފްކުރެވޭކަމީ ލިބޭ ފަޚްރެއް ކަމަށެވެ.
"އައިޓީއެފްސީގެ ސްޓްރެޓެޖީގެ މައިގަނޑު އެއް އަސާސަކީ ގައުމުތަކުގައި ހިންގަމުންދާ ބޭންކް އޮފް މޯލްޑިވްސްފަދަ މާލީ އިދާރާތަކާ ގުޅިގެން އެފަރާތްތައް މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން. މި ގޮތުން އެ ވިޔަފާރިތަކުގެ ސަބަބުން އެ ގައުމެއްގެ އިގްތިސާދަށް ކުރިއެރުން ލިބި އަދި ދުނިޔޭގެ ވިޔަފާރީގެ މަސްރަހުގައި ބައިވެރިވުމަށް ފުރުސަތު ތަނަވަސްވެގެންދާނެވެސްމެ. އަދި ހަމައެހެންމެ އޯއިސީގެ ގައުމުތަކުގެ މެދުގައި ވިޔަފާރި ގުޅުންތައް ރަނގަޅުވެ، ގިނަ ގައުމުތަކެއްގެ އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ކުރިއެރުމަށް ގިނަ ގައުމުތަކަކަށް ފުރުސަތު ހުޅުވިގެންދާނެވެސްމެ،" އޭނާ ވިދާޅުވި އެވެ.
އައިޓީއެފްސީ އިން މިވަގުތު ދޫކުރުމުންދާ ފައިނޭންސް އާއި ހިލޭ އެހީއަކީ އައިއެސްޑީބީ ގްރޫޕުން ކޮވިޑް-19 ރެސްޕޯންސް ޕެކޭޖްގެ ދަށުން މި ބަލިމަޑުކަމުން އަރައިގަތުމަށް ތައްޔާރުވުމުގެ ގޮތުން ބޭހުގެ ބާވަތްތަކާއި، ކާބޯތަކެތީގެ އިތުރުން ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ ހޯދުމަށް އޯއިސީގެ ގައުމުތައް ކަމަށްވާ ބަންގްލަދޭޝް، މިސްރު، ކިރިގިސްތާން، ދިވެހިރާއްޖޭގެ އަދި ސެނެގާލް ހިމެނޭ ގޮތަށް ދެމުންދާ މާލީ އެހީތެރިކަމެކެވެ.